ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު، އަލިރަސްގެފާނުގެ ޖިހާދު މިއަދުގެ ސިޔާސީ ލީޑަރުންނަށް ގޮވައިލަނީ ބޭރުގެ ބާރުތަކުގެ ފައިބުޑަށް ތިރިނުވާން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި އެމަނިކުފާނު ވިދާޅުވީ، އަލިރަސްގެފާނުންގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުޚާތަބުކުރާ ކަމަށެވެ. އެގޮތުން ބޭރުގެ ބާރުތަކުގެ ފައިބުޑަށް ތިރިނުވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

"ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލައި. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީޚަބަރު ފަތުރާއިރު ގައުމާ އެއްކޮޅަށް ޚަބަރު ފަތުރަން އެ ޖިހާދުން ނަސޭހަތްދޭ ކަމަށެވެ. އަދި، ދޮގު ޚަބަރު ނުފަތުރަން އިންޒާރުދޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޒުވާންކަމުގެ އޮއެވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ކާބަފައިން މި ގައުމު ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި، ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ރަށްރަށް ވެސް އަލުން ދިވެހީންނަށް ހޯދައިދެއްވާފައިވާ ކަމަށެވެ. އަދި އެ ޖިހާދުން އިބުރަތް ލިބިގެން ދިވެހި ކަނޑުން ގެއްލުނު ބައި ވެސް މި ސަރުކާރުން ހޯދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނަން،" ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވައިލުމުގެ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަމިއްލަ ބިމުގެ ބާރުވެރިކަން އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާއި އަބަދު ފެންނަ ކަމަށެވެ. އޭގެ މިސާލަކީ ފަލަސްތީނު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، އެފަދަ ދުވަހެއް ދެކެން ނޭދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިޚުލާސްތެރި އިލްތިމާސަކީ މި ގައުމަށް ތެދުވެރިވާށޭ. ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ. ދައުލަތަށް ވަފާތެރިވާށޭ،" ގައުމިއްޔަތަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ޚިތާބު ފައްޓަވަމުން ވަނީ ދުވަހުގެ ތާރީޚަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގެ ތެރެއިން ކަޅު މުހައްމަދު ރަސްގެފާނު ވަރަށް ބޮޑަށް ގައުމަށް ޚިޔާނާތްތެރިވެ އޭރު ދިވެހީން ކުރަމުން ދިޔަ، ކަނޑުމަހާއި ރޯނުގެ ވިޔަފާރި މުޅިން މަލާބާރަށް ދޫކޮށްލެއްވިކަން ރައީސް ހަނދާން އާ ކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ޝަހީދުންގެ ދުވަހަކީ ކަޅު މުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، އުމުރުން އޭރު 19 އަހަރުގެ ހަސަން ރަސްގެފާނު ޕޯޗުގީޒުންނާ އެކު އުފެއްދި ގުޅުމެއްގެ ތެރެއިން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހަސަން ރަސްގެފާނާއި ޕޯޗުގީޒުންނާ ދެމެދު އޮތް ގުޅުން ފެށިފައިވަނީ ކަޅު މުހައްމަދު ރަސްގެފާނާ ހަމައިން ކަމަށެވެ. އެހެންވެ، ޝަހީދުންގެ ދުވަހަށް އަލިވިލޭއިރު އޭގެ އަނެއް ފަރާތުގައި ވަނީ ބޮޑެތި ޚިޔާނާތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ ޚިޔާނާތުން ގައުމު ސަލާމަތްކުރަން އަލިރަސްގެފާނު ކުރެއްވި ޖިހާދުން އިބުރަތް ލިބިގަންނަން ގޮވާލައިފައެވެ.