ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ ޝަރުތު ހަމަ ނުވާ ފަރާތްތައް ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ފްލެޓުތަކާއި ގުޅޭ ގޮތުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި 4،048 ފޯމެއް ބަލާފައިވާ ކަމަށެވެ. އެ ފޯމުތަކުގެ ތެރެއިން 59.6 ޕަސެންޓް ފޯމުގެ ޝަރުތު ހަމަނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ބެލި ފޯމުތަކުގެ ތެރެއިން 20 ޕަސެންޓު ފޯމުގައި މައްސަލައެއް ނެތް ކަމަށާއި އެފަރާތްތައް ފްލެޓަށް ޝަރުތު ހަމަވާ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ ފޯމުތަކުގައި ހުރި މައްސަލަތައް ވެސް ހިއްސާ ކޮށްފައެވެ. އެގޮތުން އެ ކޮމިޝަނުން ބުނީ ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ޕޮއިންޓް ދީފައިވާ ކަމަށެވެ. އަދި ބުނީ ފޯމުތަކުގައި ދީފައިވާ މައުލޫމާތު ފުށުއަރާ ކަމަށްވެސް ބުންޏެވެ.

ކުރީ ސަރުކާރުން ވަނީ އެ ސަރުކާރު ނިމުމުގެ އެއް ދުވަސް ކުރިން ފްލެޓު ލިބުނު މީހުންނަށް އެގްރީމަންޓު ވެސް ހަދާފައެވެ. އެހެންކަމުން އޭސީސީން ބުނީ އެކަމުގައި ދެން އަމަލު ކުރާނެ ގޮތެއް އެނގޭނީ ހައުސިން މިނިސްޓްރީ އަށް ކަމަށެވެ.

ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އޭސީސީން އެންގީ މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުގެ ރޭ ޝަކުވާތަކަށް ބެލުމަށްފަހު އަލުން ފްލެޓު ލިސްޓު ނެރުމުންނެވެ. ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށް އޭރުގެ ސަރުކާރުން ވަނީ ފްލެޓު ލިބުނު މީހުންނަށް އެގްރީމަންޓު ވެސް ފޮނުވައިފައެވެ. އަދި ފްލެޓު ލިބޭ ޓަވަރުވެސް ވަނީ އަންގައިފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓުތައް ލިބުނު މީހުންގެ އަތުން އެތަންތަން އަތުލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިސްނާފައިވާ ގޮތެއް ނޫން ކަމަށާއި ނަމަވެސް އެކަން މަޑުޖައްސާލާފައި ވަނީ އޭސީސީގެ އެންގުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ނަމަވެސް އެ ކޮމިޝަނުގެ ތަހުގީގު ނިންމާ ފްލެޓުތައް ދޫކުރުން މަޑުޖައްސާލަން އޭސީސީން އެންގި އެންގުން ވަނީ ނިމުމަކަށް ގެނެސްފައެވެ.