މާލޭގެ މުހިއްމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތާއި ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވެއްޖެއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން މާލޭ ހުކުރު މިސްކިތާއި އެ މިސްކިތުގެ ގޯތިތެރެ އާއި އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި އެ މިސްކިތުގެ ގޯތިތެރޭގައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރުމާއި ސްޓެލްކޯއިން ވަނީ ހަވާލުވެފައެވެ

އެ ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.

ސްޓެލްކޯ އިން ބުނީ އެ ފަހުމުނާމާއަކީ ފަސް އަހަރުދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށެވެ. އެ ފަހުމުނާމާގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަންނީ އިރުޝާދުގެ ދަށުން، ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި، އެތަންތަން ރައްކާތެރިކަމާއިއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަންހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރުކުރުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އަދި ހަމަ އެއާއެކު އެ ތަންތަނުގައި ކުރަންހުރި ކަރަންޓުގެ އެކި މަސައްކަތްތައްވެސް އެ ފަހުމުނާމާގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ އާސާރުތައް ރައްކާތެރިކުރުމުގެ މަސައްކަތް މޫސުމާއި ގުޅިގެން ލަސްވެގެން ދިޔަ ނަމަވެސް ދެން އެ މަސައްކަތަށް އިތުރު ލަސްކަމެއް ނާންނާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑަށް ޓެކްނިކަލީ ކަންތައްތައް ބެލިގެން ކުރަންޖެހޭ މަސައްކަތަކަށް ވާތީ އަޅުގަނޑުމެން މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް މި ދިޔައީ ބަލަމުން. ވިއްސާރަ މޫސުމަކަށްފަހު ކޮންމެސް ވަގުތުކޮޅެއް ދޭންޖެހޭ ހުކުރު މިސްކިތު މުންނާރު ހިކުމާ އަދި އެހެނިހެން ޓެކްނިކަލް ކަންތައްތަކަށްވެސް. އެހެންވީމަ އަސްލު ލަސްވެގެން ދިޔައީ. ޙަޤީޤަތުގަ އަޅުގަނޑުމެންނަށް މޫސުން ތަން ނުދިނީމަ، އެހެން ނޫންނަމަ މި މަސައްކަތް އަޅުގަނޑުމެންނަށް ވާނީ މީގެ ކުރިންވެސް ފެށިފައި" ފަހުމީ ވިދާޅުވިއެވެ.

އެ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، ސްޓެލްކޯއަކީ ކުރީއްސުރެވެސް އެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ހަގީގަތުގައި އަޅުގަނޑުމެންގެ މި ބަހާބެހޭ ވުޒާރާއަށް އަދި ތަރިކަ ރައްކާތެރިކުރާ މަރުކަޒަށް މީގެ ކުރިންވެސް ސްޓެލްކޯއަކީ ވަރަށް މުހިއްމު ބައިވެރިއެއް. ވަރަށް ގިނަ އެހީތެރިކަން ދެއްވަމުން ގެންދަވާ.. .އަޅުގަނޑުމެން މި ވުޒާރާގެ މަސައްކަތާ ހަވާލުވިފަހުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގަވެސް ސްޓެލްކޯގެ އެހީތެރިކަން ވަރަށްބޮޑާށް ލިބިފަ ވަނީ" އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ފަހުމުނާމާއެއްގެ ދަށުން މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ހިރިގައު ވަޅުތަކާއި، މުންނާރާއި އަދި މާލޭ މެދުޒިޔާރަތް ރައްކާތެރިކޮށް، އާބާތުރަފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ