މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވި ކުރީ ސަރުކާރުގެ އިސްވެރިންތަކެއް އެމްޑީޕީގެ މަޖިލިސް ޓިކެޓު ކާމިޔާބު ކުރައްވައިފިއެވެ.

މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ ބާއްވާފައި ވަނީ 40 ދާއިރާއެއްގައެވެ. އެ 40 ދާއިރާ އަށް 149 ކެންޑިޑޭޓުން ވާދަކުރެއެވެ. ބާކީ ހުރި 53 ދާއިރާގެ ތެރެއިން އޭދަފުއްޓާއި ނިލަންދޫ ދާއިރާ އަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލައެވެ.

ދެން އޮތް 51 ދާއިރާއަށް ދެ ކެންޑިޑޭޓުން ކުރިމަތިނުލާތީ ދާއިރާތަކުގެ ޓިކެޓު 53 ފަރާތަކަށް ވަނީ ކަށަވަރުވެފައެވެ.

މިއަދު ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވި ކުރީ ސަރުކާރުގެ އިސްވެރިންތަކުގެ ތެރޭގައި އެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ހިމެނިވަޑައިގަންނަވައެވެ.

ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވެސް ވަނީ މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ. ނަޒްރާ އަކީ ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްގެ ވެސް ކޮއްކޮއެވެ. ހަމައެއާއެކު ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޒިފްލީން ހަސަން ވެސް ވަނީ އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރައްވައިފައެވެ.

މީގެއިތުރުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު މާޒް ސަލީމް ވެސް ވަނީ އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރައްވާފައެވެ.

މި ބޭފުޅުން ވާދަކުރައްވާ ދާއިރާތައް:

އަލީ ވަހީދު ވާދަކުރައްވަނީ ހދ. ކުޅުދުއްފުށި ދެކުނު ދާއިރާއަށް

ޒިފްލީން ހަސަން ވާދަކުރައްވަނީ ގދ. ތިނަދޫ ދެކުނު ދާއިރާއަށް

ނަޒްރާ ނަސީމް ވާދަކުރައްވަނީ ފުވައްމުލަކު ދެކުނު ދާއިރާއަށް

މޫސާ އަލިމަނިކު (މޫކޭ) ވާދަކުރައްވަނީ ހުޅުމާލެ އުތުރު ދާއިރާއަށް

އަހުމަދު ސަލީމް (މާޒް) ވާދަކުރައްވަނީ ހެންވޭރު ހުޅަނގު ދާއިރާއަށް

މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މިހާރު މި ހިނގާ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތަމްސީލު ކުރައްވާ ގިނަ މެންބަރުންތަކެއް ވެސް ވަނީ އެޕާޓީގެ ޓިކެޓު ހޯއްދަވައިފައެވެ.