ތިރީސް އަހަރަށްފަހު ވ. ފެލިދޫގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ނިއްވާލައި، އެ ރަށުގައި ސްޓެލްކޯ އިން ގާއިމްކުރި އައު ޒަމާނީ އިންޖީނުގެއިން ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.

އިއްޔެ ފެލިދޫއަށް ވަޑައިގެން އެރަށު ބައު އިންޖީނުގެ ނިއްވާލަދެއްވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

ފެލިދޫ ބައު އިންޖީނުގޭގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލިއިރު، އެ ޖަނަރޭޓަރުތަކުގެ ގަދަ އަޑާއި ދުން ވަނީ ރަށުގެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައެވެ. ފެލިދޫ އައު އިންޖީނުގޭގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، ފަޔާ ފައިޓިންއާއި، ސައުންޑް ޕްރޫފިން އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި، ޓްރެއިނިން ހޯލެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އަދި ރައްޔިތުންނަށް ފަސޭހައިން ހިދުމަތްތައް ލިއްބައިދެވޭނެ ކަސްޓަމާ ސާވިސް ބިލްޑިންއަކާއި އެކު، އަޅާފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށެވެ.

ބައު އިންޖީނުގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލުމާއި ގުޅިގެން ރަށުގެ ކައުންސިލުންވެސް ވަނީ އެކަން ފާހަގަކޮށް، އެއީ ޒަމާންތަކަކަށްފަހު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަން ފާހަގަކޮށްފައެވެ.

ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބައު އިންޖީނުގޭގެ ހިދުމަގް ދޭން ފަށާފައިވަނީ 31 ޖަނަވަރީ 1994 ގައެވެ. 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއިއެކު ފެލިދޫގައި ކަރަންޓު ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10 - 12 ކިލޯވޮޓެވެ. 2014 ވަނަ އަހަރު ފެލިދޫ އިންޖީނުގެ ސްޓެލްކޯއާއި ހަވާލުކުރުމާއި ގުޅިގެން ރަށުގެ ކަރަންޓު ޑިމާންޑަށް ބަލައި، ސްޓެލްކޯއިން ދިޔައީ ހިދުމަގް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އަލަށް އިތުރު ކުރެވުނު 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއިއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކުރެވިފައެވެ. މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓެވެ.