ރައްޔިތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ އަކީ އޭރަކު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް ލަފާ ނެރެދޭ ބޭފުޅެއް ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ފާޑު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދިޔައެވެ. އެ ޖަލްސާގައި ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމިއެވެ.
އެއީ ބަންޑާރަ ނާއިބު އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެ ތިން ބޭފުޅުންނަށް ރުހުން ނުދެއްވި ނަމަވެސް އަލުން ހަމަ އެ މަގާމުތަކަށް އެ ބޭފުޅުން ރައީސް މުއިއްޒު ވަނީ ހަމަ އެދުވަހު އައްޔަން ކުރައްވައިފައެވެ.
އިއްޔެ އެކަމާއި ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ރުހުން ނުދިން ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް ފިލްޒާ ވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.
އެކަމާއި ގުޅޭ ގޮތުން ސިރާޖު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވަގުތު ރައްޔިތުންގެ މަޖިލީގެ ކައުންސެލް ޖެނެރަލްގެ މަޤާމުގައި ހުންނެވި ފިލްޒާއާކީ އެވަގުތެއްގަައި މަޖިލީހުގެ ރިޔާސަތުގައި ހުންނަ މީހެއް އެދޭ ކޮންމެ ގޮތަކަށް ގާނޫނީ ލަފާ ނެރެދޭ މީހެއް ކަމަށެވެ.
އެމްޑީޕީ އިން އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެސް ސާފު އިބާރާތުން ފިލްޒާ ދީފައިވާ ގާނޫނީ ލަފައަކީ ގާނޫނުއަސާސީ އާއި މަޖިލިސް ގަވައިދާ ހިލާފު ލަފައެއް ކަމަށް ސިރާޖު ވަނީ ފާހަގަކުރައްވާފައެވެ.