ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ހަމަ ކުރި ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅާނީ ވަގުތާއި ހާލަތަށް ބެލުމަށްފަހު އިދިކޮޅު ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ އެ މައްސަލަ ހުށަހަޅާނެ ދުވަހަކާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުމަށް އޮންނަ އަދަދަށްވުރެ އިތުރަށް ވެސް މެންބަރުން ސޮއި ކުރައްވާފައިވާ ކަމަށް ބިގޭ ވިދާޅުވިއެވެ.
"އެ ހުށަހެޅުން ހުށަހަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ،" ބިގޭ ވިދާޅުވިއެވެ.
ރައީސް އަޒުލް ކުރުމުގެ މަސައްކަތް އެމްޑީޕީން ފެށިއިރު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލް ކުރުމާއި ގުޅޭ މާއްދާތަކަށް ގިނަ އިސްލާހުތަކެއް މަޖިލީހުގެ ގަވާއިދަށް ވަނީ ގެނެސްފައެވެ.
އެ އިސްލާހު އޮތް ގޮތުން އޭރު އެމްޑީޕީގައި ތިއްބެވި މަޖިލިސް މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސާއި ނާއިބު ރައީސް މަގާމުން ވަކި ކުރެވިދާނެއެވެ. ނަމަވެސް އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު މިހާރު ޕީއެންސީއަށް ވަނީ ގުޅިވަޑައިގެންނެވެ.
އެހެންކަމުން މިހާރު އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 44 އެވެ. ނަމަވެސް އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ވަނީ އެއްގަލަކަށް އަރާ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވެސް ކުރިޔަށް ގެންދަނީ ދެޕާޓީ އެކުވެގެން ކަހަލަ ގޮތަކަށެވެ. އެހެންކަމުން ޑިމޮކްރެޓްސްގައި ތިބި 13 މެންބަރުންގެ ވޯޓާއެކު އަދިވެސް ރައީސާ ނާއިބު ރައީސް އަޒުލް ކުރެވެން އެބައޮތެވެ.
އެމްޑީޕީން ރައީސް އަޒުލް ކުރުމުގެ މައްސަލަ ހުށަހަޅަން ނިންމިއިރު އެމްޑީޕީގެ މެމްބަރުން ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅަން ވަނީ ނިންމައިފައެވެ.