ރައްޔިތުން މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން ކަމަށް ބުނެ ދަ ޑިމޮކްރެޓްސް އިން ސަރުކާރަށް ފާޑު ކިޔައިފިއެވެ.

ޑިމޮކްރެޓްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށާއި އަލުން އަނބުރާ ހަމަ އެ ވަޒީރުންގެ ނަންތަކެއް މަޖިލީހަށް ނުފޮނުވޭނެ ކަމަށެވެ.

"ރައްޔިތުން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އަނބުރާ އައްޔަނުކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން. އެ ނަންތަކެއް އަނބުރާ ނުފޮނުވޭނެ" ބަޔާނުގައިވެއެވެ.

އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ދަ ޑިމޮކްރެޓްސް އިން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެ އަމަލުތައް ބަލައި ނުގަންނަ ކަމަށް ބުނެ އެ ބަޔާނުގައި ބުނެފައި ވަނީ އަދި ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ހަނދުމަކޮށް އަރުވާ ކަމަށެވެ.

އިއްޔެ މަޖިލީހުގައި ބޭއްވި ދައުރުން ބޭރުން ޖަލްސާގައި ވަނީ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންގޮސްފައެވެ. މި މައްސަލަ އަށް މިހާރު ވޯޓަށް އަހަމުން އަންނައިރު ވަޒީރުންނަށް ރުހުން ލިބެނީ މަދުވެގެން 31 ވޯޓު ލިބިގެންނެވެ.

ރުހުން ނުލިބުނު ވަޒީރުން:

ބަންޑާރަ ނާއިބު އަހްމަދު އުޝާމް: ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި

މި ތިން ބޭފުޅުން ވެސް އަލުން އެ މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުސުއޫދެވެ. މި ބޭފުޅުންނަށް އަލުން ރުހުން ހޯދަން މަޖިލީހަށް ސަރުކާރުން އަނެއްކާވެސް ފޮނުވަން ޖެހޭނެއެވެ.