ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ މައްސަލަ ރިޕޯޓު ކުރުމުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި ބައެއް ތަކެތި ހޯދައިފައެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 26ވަނަ ދުވަހު ކަމަށެވެ. އަދި 38 އަހަރުގެ މީހާ މިމަހުގެ 27ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެމީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލާ ފާސްކުރި އިރު ހ. ތިމާވެށި ގެ އިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، އެތަނުން އެކަކު ދިރިއުޅޭ ގެ އިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނޭ ކަމަށާއި އެ ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑު ކަމަށް ވެސް ބުންޏެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 އަހަރުގެ މީހާގެ ބަންދަށް މަސް ދުވަސް އަދި 38 އަހަރުގެ މީހާ 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.