އަވަށްޓެރި އިންޑިއާއާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ މައާފަށް އެދެންޖެހޭ ފަދަ ވާހަކަތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދާދިފަހުން ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އަކީ އެއްވެސް ކަމެއްގައި ވަކި ގައުމަކަށް ބަރޯސާ ވާނެ ގައުމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެގޮތުން ސިއްހީ ކަންކަމުގައި ވެސް ވަކި ގައުމަކަށް ބަރޯސާ ނުވާނެ ކަމަށާއި ދުބާއީ އާއި ބެންގްކޮކް ފަދަ ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާ ކުރައްވާނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމަކަށްވީ ނަމަވެސް އެއްވެސް ގައުމަކަށް ރާއްޖެ އަށް "ބުލީ" ނުކުރެވޭނެ ކަމަށެވެ.
މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ އެ ދުވަހު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި އޭނާ އަށް މަރުހަބާ ނުކިޔޭ ކަހަލަ ވާހަކަތަކެއް ހުންނެވި ކަމަށެވެ.
ގާސިމް ވަނީ އިންޑިއާ އަކީ ދުނިޔޭގައި ވެސް އެންމެ ރަނގަޅު ސިއްހީ ފަރުވާ ދެމުން އަންނަ ގައުމުކަން ފާހަގަކުރައްވާ ޔޫރަޕްގެ ބޮޑެތި ގައުމުތަކަށް ވެސް އެގައުމުގެ ޑޮކްޓަރުންނާއި ބޭސް ގެންދާ ކަމަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެތަންތަނަކީ އިންޑިއާ އަށްވުރެ އެތައް ގުނައެއް އަގު ބޮޑެތި ތަންތަން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެން ޗައިނާ އިން ވަޑައިގެން ރައީސް އެ ދެއްކެވި ވާހަކަފުޅުގެ ދެތިން ހަތަރު ޕޮއިންޓަށް އިންޑިއާ ސަރުކާރުންނާއި ޕީއެމް މޯދީގެ ކިބައިން ރަސްމީކޮށް މައާފަށް އެދިވަޑައިގަންނަވަން،" ރައީސް މުއިއްޒަށް ގާސިމް ދެންނެވިއެވެ.
ރައީސް މުއިއްޒަށް އެފަދަ މޭރުމަކުން ވާހަކަފުޅު ދެކެވުނީ ކުރީގެ ރައީސް ޔާމީން ކުރެއްވި މަސައްކަތެއްގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެއާ އަވައްޓެރި ގައުމަކާއި ޖެހެން ނުޖެހޭ ކަމަށާއި އޭގެ މާނައަކީ ރާއްޖޭގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ތިބުމެއް ނޫން ކަމަށާއި އަދި އެއީ ގާނޫނުއަސާސީއާ ވެސް ހިލާފުވުން ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.