ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ ފްލެޓުތަކާއި ގުޅޭ ގޮތުން މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީ އިން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައިގައި، ފްލެޓާ ގުޅޭ ކަންކަން މަޑުޖައްސައިލުމަށް އެ ކޮމިޝަނުން އެންގި އެންގުމާ މެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އޭސީސީން އެންގީ މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުގެ ރޭ ޝަކުވާތަކަށް ބެލުމަށްފަހު އަލުން ފްލެޓު ލިސްޓު ނެރުމުންނެވެ. ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށް އޭރުގެ ސަރުކާރުން ވަނީ ފްލެޓު ލިބުނު މީހުންނަށް އެގްރީމަންޓު ވެސް ފޮނުވައިފައެވެ. އަދި ފްލެޓު ލިބޭ ޓަވަރުވެސް ވަނީ އަންގައިފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓުތައް ލިބުނު މީހުންގެ އަތުން އެތަންތަން އަތުލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިސްނާފައިވާ ގޮތެއް ނޫން ކަމަށާއި ނަމަވެސް އެކަން މަޑުޖައްސާލާފައި ވަނީ އޭސީސީގެ އެންގުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ފްލެޓުތައް ހަވާލުކުރުން ލަސް ކުރާ މައްސަލާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ވީހާ ވެސް އަވަހަކަށް ފްލެޓުތައް ދޫކުރަން ފެށުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.