ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނާއިބު ރައީސް އަހްމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިއެވެ.
މި ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީގެ މަޖިލިސް މެންބަރުންނާއި އެމްޑީއޭގެ މަޖިލިސް މެންބަރުން ހިމެނޭހެން ޖުމްލަ 23 މެންބަރަކު ސޮއި ކުރައްވައެވެ.
އަސްލަމް އަދި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގަރާރުގައި ބުނެފައި ވަނީ އެ ދެބޭފުޅުން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތި ކޮށްފައިވާ ޒިންމާތަކުން ހިލާފުވާ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ނިންމާފައި ވަނިކޮށެވެ.
އެ މައްސަލާގައި މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާ އަށް އެޖެންޑާ ކުރި ނަމަވެސް ސަރުކާރު މެންބަރުން ވަނީ މަޖިލިސް ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ގޮތަށް ހުއްޓުވައިފައެވެ. އަދި މަޖިލިސް ތެރޭގައި ސަރުކާރު މެންބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު ކުރިމަތިލުންތައް ހިނގައިފައެވެ. އަދި ބައެއް މެންބަރުންނަށް އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.