ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ބައެއް ވަޒީރުންނަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އަދި އެޕާޓީއާއެކު މަޖިލިސް ތެރެއިން މަސައްކަތް ކުރުމަށް ނިންމާފައިވާ ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭ ނިންމުމާއި ގުޅިގެން މަޖިލިސް އިދާރާ ކައިރީގައި ސަރުކާރަށް ނިސްބަތްވާ ފަރާތްތައް މުޒާހަރާ ކުރާއިރު ފިޔަވަޅު ނާޅާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މުޒާހަރާ ކުރާ ފަރާތްތަކުގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ އާއްމު ފަރާތްތަކާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ހިމެނެއެވެ. އެ ފަރާތްތަކުން ބުނަމުން އަންނަނީ ވަޒީރުންނަށް ރުހުން ނުދޭން ނިންމުމަކީ ތަރައްގީ އަށް ހުރަސް އެޅުން ކަމަށެވެ.
އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުނަށް ރުހުން ދިނުމަށް މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުރަސް އަޅައި މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލުން އެންމެ ހަރުކަށި އިބާރާތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކުރާ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު އެ ވޯޓު ނެގުމަށް ސަރުކާރު މެމްބަރުން ފުރުސަތު ނުދެނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެކެވެ. ނަމަވެސް, މެމްބަރުންނަށް އިންޒާރު ދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަން މި ޕާޓީން ކުށްވެރި ކުރަމެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާއިރު, އެއްވެސް ފަރާތަކަށް ބެލުމެއް ނެތި, އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒު ކުރަން ޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި, ވަކިން ހާއްސަކޮށް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ހިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.