ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ބައެއް ވަޒީރުންނަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އަދި އެޕާޓީއާއެކު މަޖިލިސް ތެރެއިން މަސައްކަތް ކުރުމަށް ނިންމާފައިވާ ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭ ނިންމުމާއި ގުޅިގެން މަޖިލިސް ތެރޭގައި އިދިކޮޅު އެމްޑީޕީ މެންބަރުންނާއި ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި ދެމެދު ކުރިމަތިލުންތައް ހިނގާ މާރާމާރީ ހިންގައިފިއެވެ.

މިއަދު ބާއްވާ މަޖިލިސް ޖަލްސާ އަކީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން ކޮމެޓީން ނިންމާފައިވާ މައްސަލަ އަށް ތަޅުމުގައި ބަހުސް ކުރިއެވެ. އަދި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭށެވެ. އަދި ވަޒީރުންނަށް ރުހުން ދިނުން މިއަދުގެ 13:30 އަށް ތާވަލުކުރިއެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ ޖަލްސާ ހުއްޓުވައިފައެވެ. އެގޮތުން މަޖިލީހުގައި މެންބަރުން ވާހަކަ ދެއްކުމަށް ބަހައްޓާފައިވާ މައިކުތައް ނަގާފައިވާއިރު ދުންމާރި ބޭނުން ކޮށްގެން ތަޅުމުގައި އަންނަނީ އަޑުގަދަ ކުރަމުންނެވެ.

މީގެއިތުރުން މަޖިލީހުގައި ވޯޓުލާ ކާޑުތައް ވެސް ވަނީ ސަރުކާރު މެންބަރުން ނަގައިފައެވެ. އަދި މިވަގުތު މަޖިލިސް ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ.

މަޖިލިސް މެދުކަނޑާލާފައި އޮތް ވަގުތު އިދިކޮޅު ޕާޓީގެ މެންބަރުންނާއި ސަރުކާރު މެންބަރުންނާއި ދެމެދު ހަމަނުޖެހުންތައް ހިނގިއެވެ. އެ ހަމަނުޖެހުންތަކުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އާއި ކަނޑިތީމުގެ ދާއިރާގެ މެމްބަރު ޝަހީމާ ދެ މެންބަރުންގެ މެދުގައި މާރާމާރީ ހިންގިއެވެ. އެ ހާދިސާގައި ޝަހީމަށް ވަނީ އަނިޔާވެފައެވެ.

ރުހުން ނުދޭ ނިންމުމާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން މަޖިލިސް އިދާރާ ކައިރީގައި އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ.

މުޒާހަރާ ކުރާ ފަރާތްތަކުގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ އާއްމު ފަރާތްތަކާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ހިމެނެއެވެ. އެ ފަރާތްތަކުން ބުނަމުން އަންނަނީ ވަޒީރުންނަށް ރުހުން ނުދޭން ނިންމުމަކީ ތަރައްގީ އަށް ހުރަސް އެޅުން ކަމަށެވެ.