ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ބައެއް ވަޒީރުންނަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އަދި އެޕާޓީއާއެކު މަޖިލިސް ތެރެއިން މަސައްކަތް ކުރުމަށް ނިންމާފައިވާ ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭ ނިންމުމާއި ގުޅިގެން ސަރުކާރު މެންބަރުން މަޖިލިސް ޖަލްސާ ހުއްޓުވައިފިއެވެ.

މިއަދު ބާއްވާ މަޖިލިސް ޖަލްސާ އަކީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން ކޮމެޓީން ނިންމާފައިވާ މައްސަލަ އަށް ތަޅުމުގައި ބަހުސް ކުރިއެވެ. އަދި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭށެވެ. އަދި ވަޒީރުންނަށް ރުހުން ދިނުން މިއަދުގެ 13:30 އަށް ތާވަލުކުރިއެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާ މިވަގުތު އޮތީ ހުއްޓިފައެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ މަޖިލިސް ޖަލްސާ ކުރިޔަށް ގެންދަން ހުރަސް އަޅަމުންނެވެ. އެގޮތުން މަޖިލީހުގައި މެންބަރުން ވާހަކަ ދެއްކުމަށް ބަހައްޓާފައިވާ މައިކުތައް ނަގާފައިވާއިރު ދުންމާރި ބޭނުން ކޮށްގެން ތަޅުމުގައި އަންނަނީ އަޑުގަދަ ކުރަމުންނެވެ.

ރުހުން ނުދޭ ނިންމުމާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން މަޖިލިސް އިދާރާ ކައިރީގައި އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ.

މުޒާހަރާ ކުރާ ފަރާތްތަކުގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ އާއްމު ފަރާތްތަކާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ހިމެނެއެވެ. އެ ފަރާތްތަކުން ބުނަމުން އަންނަނީ ވަޒީރުންނަށް ރުހުން ނުދޭން ނިންމުމަކީ ތަރައްގީ އަށް ހުރަސް އެޅުން ކަމަށެވެ.