ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓުދޭން ފެށުމަށް ނިންމަވާފައިވާކަމަށް މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ކުންފުނީގެ ބޯޑާއި، މެނޭޖްމަންޓް އަދި މުވައްޒަފުންނާއިއެކު ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯ އިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ކ އަތޮޅާ، އއ އަތޮޅާ، އދ އަތޮޅުގެ އިތުރުން ވ އަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ ރަށްތަކުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި އެކަށޭނަ އަދަދަށް އިއާދަކުރަނިވި ހަކަތަ އުފައްދަން ފަށައި، އެ ރަށްތަކުގައި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އަދި އެ ހިދުމަތް އިތުރު ރަށްތަކަށް ފުޅާކުރައްވަމުން ގެންދަވާނެކަން ވެސް ފަހުމީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދަށް އިތުރުކުރާ ޖަނަރޭޓަރުތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުންވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވެގެންދާނެކަން ފަހުމީގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.

ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، ކުންފުނީގެ ޚިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސްޓެލްކޯއިން ދަނީ ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.