ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އެ ބައި އަލުން ހޯދުމުގެ މަސައްކަތުގައި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރުގެ ލަފާ ހޯދުމަށް ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅޭގޮތުން ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު ނިންމަވައި، އެ މަސައްކަތް ކޮށްދެއްވުމަށް މުނައްވަރު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ޑރ. މުނައްވަރަކީ 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބަންޑާރަނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މުނައްވަރަކީ ދިވެހިރާއްޖޭގައި ގާނޫނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެއްގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ކަނޑުތަކާބެހޭ ގާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލް ކުރައްވާ، އަދި ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާ، އެ ދާއިރާގެ ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާނޫނީ މާހިރެކެވެ.

އޭޖީ އޮފީހުން ބުނީ މުނައްވަރުގެ އިތުރުން، އެ މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް އައްޔަނުކުރެވިފައިވާ ކަމަށެވެ. އެ ދެ ގާނޫނީ މާހިރުންނަކީވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި އެފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުން ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

އެ ދެބޭފުޅުންނާ ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، އެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، އެ މައްސަލަ ހިނގަމުން ދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި އެ މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް އަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމެވެ.

މީގެއިތުރުން، އެ މައްސަލައިގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަންކަމާގުޅޭ ގާނޫނީ ލަފައެއް ހޯދުމަކީ ވެސް އެބޭފުޅުންނަށް ހަވާލުކޮށްފައިވާ މައިގަނޑު މަސައްކަތެވެ. އަދި، އެ މައްސަލާގައި އައްޔަނުކުރެވިފައިވާ ދެންނެވުނު ދެ މާހިރުންގެ މަސައްކަތް ނިންމަވާ، ކުރިޔަށް އޮތް ފެބްރުވަރީ މަހުގެ ކުރީކޮޅު އެބޭފުޅުންގެ ގާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ މައްސަލާގައި ޢައްޔަނުކުރެވިފައިވާ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ދެއްވާ ގާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އައްޔަނުކުރައްވާފައިވާ ކޮމިޓީއިން ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓް ކުރިޔަށް އޮތް ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުނެއެވެ.

އެ ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ކުރިޔަށްދާންވީ ގޮތް ނިންމެވުމަށް އެ މައްސަލަ ކެބިނެޓްއަށް ހުށަހެޅުމަށް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އެ މައްސަލަ ކެބިނެޓަށް ހުށަހަޅާ ގޮތެއް ނިންމޭނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.