ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ވަނީ ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލު ހާމަ ކުރައްވާފައެވެ. އެ އޮފީހުން މިއަދު ބުނީ ޗައިނާ ދަތުރަށް ޖުމްލަ 59 ޓިކެޓު ނަގާފައިވާ ކަމަށެވެ. އެ ހުރިހާ ޓިކެޓަކަށް 2 މިލިއަން ރުފިޔާގެ ހަރަދު ހިނގާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓިކެޓަށް އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ އެނބުރި މާލެ އައުމަށެވެ. ޖުމްލަ 10 ޓިކެޓަށް 9 ލައްކަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުގައި ބުންޏެވެ.
މި ދަތުރުގެ ތެރެއިން 30 މީހެއްގެ ޕޮކެޓު މަނީ އަށް ތިންލައްކަ ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އެންމެ ކުޑަ ހަރަދެއް މުޅި ދަތުރުގެ ތެރެއިން ހިނގާފައި ވަނީ ޗައިނާގައި އުޅޭ ދިވެހިންނާ ބައްދަލު ކުރުމުގެ އިވެންޓަށެވެ. އެ އިވެންޓަށް ހަރަދުވެފައި ވަނީ ތިންހާސް ރުފިޔާއެވެ.
އެހެނިހެން ހަރަދުގެ ގޮތުގައި މުޅި ޖުމްލަ ހަތަރުލައްކަ ރުފިޔާ ހިނގާފައިވާ ކަމަށް އެ މައުލޫމާތުތަކުން ހާމަވެއެވެ.
ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ރަސްމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަށް އެހީ ހޯދުމަށް ޗައިނާއާއެކު ރާއްޖެ އިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.