ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ކަޅުއޮއްފުންމިއަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާނު އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، މިއަދު ބުނީ ކަޅުއޮށްފުންމި މާލެ ގެނައުމަށްފަހު ބަހައްޓާނީ މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ކަމަށެވެ.

މިހާރު ނަކަލު ކޮށްފައިވާ ކަޅުއޮށްފުންމި އަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބަނދެފައިވާ އޮޑިއެކެވެ. ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ.

ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން ނުވަތަ ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށް ކަމަށެވެ.

މި މަސައްކަތް ކުރަނީ ތިން ފިޔަވަށްސަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިޔަށް ދަނީ އެ އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމަށް އަމަލު ކުރާނެ ގޮތެއް ހަމަޖެއްސުމެވެ. ކަޅު އޮށްފުންމި މާލެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ގުޅިގެންނެވެ.