މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅަކާއި ހަވާލު ކުރާ ގޮތަށް ސަރުކާރުން މިހާރު ނިންމާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
މާލެ ސިޓީގެ މޭޔަރު އަދި ތިން ދާއިރާއެއްގެ ކައުންސިލަރުން ހުވާ ކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް ކަންތައް ކަމަށެވެ.
އެގޮތުން މާލޭގައި އަތޮޅުތަކަށް ނިސްބަތްވާ ފިހާރަތަކެއް ހުރި ނަމަވެސް، އެ ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކަށް ފޯރަމުން ނުދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅަކާ ހަވާލު ކުރަން ސަރުކާރުން މިހާރު ނިންމާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭރުން އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ. މިހާރުވެސް އެބަހުރި އެގޮތަށް ހަވާލުކުރަން ހުރި އެހެންނަމަވެސް ނުކޮށް ހުރި ފައިސާ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ މަސައްކަތް ކުރިޔަށް ގެންދާނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށާއި އެމަގުން އެ މަސައްކަތް ކުރިޔަށް އޮތް ތަނުގައި ކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވިއިރު ކުރީގެ ސަރުކާރުން ކައުންސިލްތަކާއެކު ކުރިޔަށް ގެންދިޔަ "ވިއަވަތި" ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މާލޭގައި ހިންގާ އަތޮޅު ފިހަރާތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް އަތޮޅު ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.
މާލޭގައި ހިންގާ އަތޮޅު ފިހާރަ ތަކަކީ ކައުންސިލް ތަކަށް ކުލީގެ 50 ޕަސެންޓް ލިބޭ ގޮތަށް ކުއްޔަން ދީފައިވާ ފިހާރަ ތަކެކެވެ. ކުރީގެ ސަރުކާރުން ވަނީ 2015ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަތަކުން ކުލީގެ ގޮތުގައި ލިބެމުން ދިޔަ ނަމަވެސް އަތޮޅު ކައުންސިލްތަކާއި ހަވާލު ނުކޮށް ހުރި ފައިސާ ދެމުންނެވެ.