މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަމާއި އެ ސިޓީގެ ރައްޔިތުން އުއްމީދު ކުރާ ކަންކަމުގެ ވާހަކަތައް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިއްސާ ކުރައްވައިފިއެވެ.
އެމަނިކުފާނު އެ ވާހަކަތައް ހިއްސާ ކުރެއްވީ މޭޔަރުކަމުގެ ހުވާ ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރައީސް މުއިއްޒު ޝަރަފުވެރި ކޮށްދެއްވި އެ ޖަލްސާގައި އާޒިމް ވިދާޅުވީ މާލޭގެ އެތައް ހާސް ރައްޔިތުންތަކަކާއި ވޭތުވެދިޔަ ދެތިން މަސް ތެރޭގައި އޭނާއާ ބައްދަލުކުރެއްވުނު ކަމަށެވެ. އަދި މާލޭގެ ރައްޔިތުން އުޅެމުން އަންނަ ދަތި ހާލުވެސް އެނގިވަޑައިގެންފައިވާ ކަމަށެވެ.
މާލޭގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު މާލޭގެ ރައްޔިތުންގެ ހާލަތު އެނގިވަޑައިގަންނަވާނެ ކަމަށާއި އެގޮތުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން އާޒިމް ފާހަގަކުރެއްވިއެވެ. ރައްޔިތުން މިފަދަ މަގާމުތައް ވެރިންނަށް ދެއްވަނީ އިހުލާސްތެރި މަސައްކަތްތަކެއް ކުރުމަށް ކަމަށާއި އެ މަސައްކަތް އެގޮތުގައި ކުރެވިއްޖެ ނަމަ ރައްޔިތުން ހަވާލުކުރި އަމާނާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
"މާލޭގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ފެންނަނީ ފިތްކަނޑައިގެން ދާހާ ހިތްދަތި މަންޒަރުތައް. އެއިން މަންޒަރުތަކުން ހިތުގައި ކިރިޔާވެސް ރަހުމެއް ހިނގާ މީހެއްގެ ލޯ ކަރުނުން ތެތްމާނުލާ ނުދާނެ،" އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަފުޅުގައި އެތައް ކުދިންނެއް މަންމަ އާއި ބައްޕައާއެކު އެއް ކޮޓަރިއެއްގެ ތެރޭގައި އުޅެ ބޮޑުވެއްޖެކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު އެކުދިން މީހުންނާއި އިނދެ ދަރިން ލިބި ވަރަށް ހާލުގައި ދިރިއުޅެމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން އެތައް ބަޔަކު ކުށުގެ ވެއްޓަށް ހުށަހެޅިއްޖެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"މާލޭ ރައްޔިތުން އެދެނީ ބްރިޖަކުން ގުޅިފައިވާ އަވަށްތަކަށް ދެވޭނެ މަގު ފަހިވާން. އެމީހުން އެދެނީ ހުޅުމާލެ ފޭސް ތިނަކާއި ގުޅީފަޅާ ގިރާވަރުފަޅާ އުތުރުތިލަފަޅަށް އަމާޒުވި އެމްޑީޕީގެ ސިޔާސަތުތަކާއި އެއްގޮތަށް ކަންވެގެންދާން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ އެ މަގުން އެކަން ގެންގޮސް ދެއްވުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ.