ފިތުނަ އުފެދޭ ގޮތަށާއި އަދި ޕާޓީއަށް އެކަށީގެންވާ ވަރަށް ހިދުމަތް ކޮށްފައި ނުވާ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅި ބައެއް ފަރާތްތަކުގެ ކެންޑިޑެސީ ބާތިލް ކުރުމުން މައްސަލަ ހޫނުވުމާއެކު، އެ ހުރިހާ ކެންޑިޑޭޓުންނާއެކު ޕްރައިމަރީ ބާއްވަން ނިންމައިފިއެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހާ ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ކެންޑިޑޭސީ ބާތިލް ކުރިކަން އެންގި ލިޔުންތަކުގައި ސޮއި ކުރައްވާފައި ވަނީ ވެސް އަދުރޭއެވެ.

އެ ސިޓީތަކުގައި ދެ ކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އެކަށީގެންވާ މިންވަރަށް ޕާޓީއަށް ހިދުމަތް ކޮށްފައި ނުވާ ކަމަށެވެ. އަނެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހި، ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަ އާއި ބައިބައިވުން އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ގިނަ ބައެއްގެ ކެންޑިޑޭސީ ބަލައިނުގަތުމަށް ނިންމުމުން ރޭ ޕީއެންސީގެ އޮފީސް ތެރެއަށް ބަޔަކު އެއްވެސް ނުރުހުން ވެސް ފާޅުކުރިއެވެ.