ގުޅީފަޅާ ގިރާވަރު ފަޅުން މިހާތަނަށް ނުހިއްކާ ހުރި ބިންތަކުން ގޯތި ލިބުނު ފަރާތްތަކަށް، ރަޖިސްޓްރީ ލިބޭނެ ކަމުގެ ލިޔުމެއް ދޭން ސަރުކާރުން ނިންމާފައިވާކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް މާލޭ ބިންވެރިންގެ ޖަމިއްޔާތަކުން ބުނެފިއެވެ.

ރައީސް މުއިއްޒުގެ ހާއްސަ މެސެޖަކާއެކު ރޭ ސަލްޓަން ޕާކުގައި ވަނީ މާލެ ރައްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުގެ އިތުރުން ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ ގުޅިގެން ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

އަދި އެ ޖަމިއްޔާތުގެ މަންދޫބެއްގެ ހައިސިއްޔަތުން މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު ވަނީ ރައީސް މުއިއްޒާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޓާ ސެކަރެޓަރީ މުހައްމަދު ފިރުޒުލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފިރުޒުލް ވިދާޅުވީ ރައީސް މުއިއްޒު ހިއްކަން ފަށާފައިވާ ރަސްމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް ވެސް އެއްވެސް ހުއްޓުމެއް ނެތި އެކުއެކީގައި ކުރިޔަށް ދާނެ ކަމަށެވެ.

އެގޮތުން އެތަންތަން ހިއްކޭ ވަރަކަށް ބިން ހަވާލު ކުރުމާއި ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"އަދި ވަގުތީ ގޮތުން މިއަދުގެ ހާލަތަށް ވެސް ލިޔުމެއް ދެއްވެން އޮތް ފަރާތަކަށް ލިޔުމެއް ދެއްވުމުގެ މަސައްކަތް ކުރައްވާނެކަން ސުނާދުއާ [މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު] ކުރެއްވި ބައްދަލުވުމުގައި ޔަގީންކަން ދެއްވާފައި އެވަނީ،" ރައީސް މުއިއްޒުގެ މެސެޖު ދެއްވަމުން ފިރުޒުލް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވަނީ ހުޅުމާލެ ފޭސް ދޭއް އަދި ތިނެއް އަދި ގުޅީފަޅާ ގިރާވަރުފަޅު ހިމެނޭހެން ޖުމްލަ 9،000 ގޯތި ދިނުމަށް ނިންމައިފައެވެ.