ގއ. ވިލިނގިލިން ހާލު ދެރަވެގެން އަވަސް ފަރުވާ އަށް މާލެ ގެނައި ކުޑަ ކުއްޖާ ނިޔާވި މައްސަލައިގެ ތަފްސީލީ މައުލޫމާތު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ގއ. ވިލިނގިލިން ހާލު ދެރަވެގެން އަވަސް ފަރުވާ އަށް މާލެ ގެނައުން ލަސްވެގެން 13 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވިީ މިއަދުގެ ވަގުތެއްގައެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެކުއްޖާ މާލެ ފޮނުވާލުމަށްޓަކައި އެ ހޮސްޕިޓަލުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ބަލި މީހާ މާލެ ފޮނުވާލަނީ ޗާޓާ ކޮށްގެން ގެންނަ ފްލައިޓެއްގައި ކަމަށާއި ބަލިމީހާ ފޮނުވާލުން ލަސްވަނީ އެ ފްލައިޓު ނައިސްގެން ކަމަށް އެދުވަހު ހޮސްޕިޓަލުން ބުންޏެވެ.

މިކަމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް، ރައީސް އޮފީހުން މިއަދު ބުނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ސިއްހީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު، ނިޔާވި ހަބަރު ރައީސް އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކު ކަމަށެވެ. އަދި އެ ހިތާމަވެރި ވަގުތުގައި، މަރްހޫމްގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެފައިވާ ކަމަށް ވެސް ބުންޏެވެ.

މަރުޙޫމް މުހައްމަދު ޖާހު ހާލިދުގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، އަދި އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭ ގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށް، ރައީސް މުއިއްޒު ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.