ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދާން ބޭނުންވާ ދިވެހިން އަދިވެސް ރާއްޖޭގައި އެބަތިބި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ އެފަދަ ތަންތަނަށް ދާ މީހުންނަށް ޖެހޭ ހާލާ މެދު ދިވެހިން ވިސްނަން ޖެހޭ ކަމަށެވެ. ބައެއް ފިރިހެނުން އެމީހުންގެ އަނބިދަރިން ގޮވައިގެން އެފަދަ ހަނގުރާމަތަކަށް ގޮސް ފިރިހެން މީހާ މަރުވުމުން އަނބިދަރިންނަށް ޖެހޭ ހާލާމެދު ވިސްނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެތަނަށް އުފަންވާ ކުޑަކުދިންނަށް ޖެހޭ ހާލު. އެތަނަށް ގޮސް އަދި ކިރިޔާ ހިނގާ ބިނގާވެ އުޅޭ ކުޑަކުދިންނަށް ޖެހޭ ހާލު. އެހެންވެ ދިވެހި އެއްވެސް ރައްޔިތަކު ތުއްތު މައުސޫމް ކުދިންނަށް އަދި އަންހެންވެރިންނަށް މިފަދަ ހާލު ނުޖެއްސުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓަރު އިހުސާން ވަނީ އެފަދަ އެއްވެސް ހިޔާލެއް ގެންގުޅޭ މީހަކު ހުރެއްޖެ ނަމަ އެމީހެއްގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހިއްސާ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
"އަދި އާއިލާތަކަށް އަޅުގަނޑު އެދެން ރާއްޖޭން މިބޭބޭފުޅުން ފުރައިގެން ދިއުމުގެ ކުރިން އަޅުގަނޑުމެން އެބޭފުޅުންނަށް ދޭންޖެހޭ އެހީތެރިކަން ދީފި ކަމަށްވާ ނަމަ އަޅުގަނޑުމެންނަށް އެބޭފުޅުން މިފަދަ ހާލުން ސަލާމަތް ކުރެވިދާނެކަން،" އިހުސާން ވިދާޅުވިއެވެ.
ބައެއް މީހުން އެތަންތަނަށް ދިއުމުގެ ކުރިން ވިސްނާނުލާ ކަމަށާއި އަދި އެތަންތަނަށް ގޮސް ހާލުގައި ޖެހުމުން ސަރުކާރުގައި އެމީހުން ރާއްޖެ ގެނެސްދޭން އެދުނު ނަމަވެސް އެމީހުން އަނބުރާ ރާއްޖެ ގެނައުމަށް ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެކަމުގެ މިސާލެއް ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ މީހުން ބައެއް ފަހަރު ތިބޭ ހިސާބުތަކަކީ އެހާ ފަސޭހައިން ވަދެ ނިކުމެވޭ ހިސާބުތަކެއް ނޫން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ