ސީރިއާގެ ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރެއިން އެގައުމުގައި ތިބި ދިވެހި ފަސް އާއިލާއެއްގެ 21 މީހުން ރާއްޖެ ގެނެސްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ހޯމްލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސީރިއާ އަދި ތުރުކީއާ ގުޅޭ ބޯޑަރު ކައިރީގައި ދިވެހި ފަސް އާއިލާއެއް ހާލުގައި ޖެހިފައިވާ ކަމަށާއި އެމީހުން އަނބުރާ ރާއްޖެ އަންނަން ބޭނުންވާކަން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

އެ ހިސާބުން ފެށިގެން އެމީހުންނަކީ ދިވެހިންކަން ކަށަވަރު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތާއި ނޭޝަނަލް ރީ އިންޓަގްރޭޓް ސެންޓަރާ ގުޅިގެން ކުރެވެމުން އަންނަ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެ މަސައްކަތް ކުރެވެމުން ދިޔައިރު ތަފާތު އެކި ފަހަރު މަތިން ދިވެހި ފުލުހުންގެ ހިދުމަތުން އެ ސަރަހައްދަށް ގޮސް އެ އާއިލާތަކުގެ ހާލަތު ބަލާ އެސެސްމަންޓުތައް ހަދާފައިވާ ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.

އެމީހުންނަކީ ދިވެހިންކަން ކަށަވަރު ކުރުމަށް ޑީއެންއޭ ހަދާފައިވާ ކަމަށާއި އަދި އެމީހުންނަކީ ދިވެހިންކަން ކަށަވަރު ކޮށްފައިވާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

"އޭގެތެރޭގައި ހިމެނެނީ 21 މީހެއް ފަސް އާއިލާއަކަށް ނިސްބަތްވާ. އޭގެތެރޭގައި 15 ކުޑަކުދިންނާއި އަދި 6 ބޮޑެތި މީހުން ހިމެނެނީ. އެ 6 މީހުންގެ ތެރޭގައި 5 މީހުންނަކީ އަންހެނުން ދެން ހުރީ ފިރިހެނެއް. 18 އަހަރު ނުފުރޭ ހުރިހާ ކުޑަކުދިން ވެސް ހިމެނެނީ މި ފަސް އަންހެނުންނަށް،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެމީހުންނަކީ ދިވެހިންކަން ކަށަވަރު ކުރެވުނު ހިސާބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށުނުތާ ކައިރި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު ތުރުކީ އަށް ވަޑައިގެން އެގައުމުގެ ސަރުކާރުގައި އެ ދިވެހިންތައް ގެނައުމުގެ މަޝްވަރާތައް ކުރެވުނު ކަމަށް އިހުސާން ވިދާޅުވިއެވެ.

އެމީހުން ބަލާ ގޮސްފައި ވަނީ 15 މީހުންގެ ޓީމަކާއެކު ހާއްސަ ފްލައިޓެއްގައި ކަމަށާއި އަދި މިއަދުގެ ފަތިހު 5:02ގައި އެ ފްލައިޓު ވީއައިއޭ އަށް ޖައްސާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ.....