ހއ. ދިއްދޫ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާގައި މަސައްކަތް ކުރި މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓު އާ ނުކޮށް ވަޒީފާ އިން ވަކިކުރި މައްސަލާގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ކޮންޓްރެކްޓު އާ ނުކޮށް ކަނޑާލި މުވައްޒަފުންގެ ތެރޭގައި ހިމެނޭ މީހަކު މިއަދު "ހަތާވީސް" އަށް ބުނީ ކަނޑާލީ ކުރިން އެއްގުމަކާއި ނުލާ ކަމަށެވެ. ނަމަވެސް ވަޒީފާ އިން ވަކިކުރިކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ގޮސް ފިންގާ ޖަހަން އުޅެ އުޅެ ނުޖެހުމުން ކަމަށް އޭނާ ބުންޏެވެ.

"ކުރިން އަޅުގަނޑުމެން ކުރަނީ ސޮއި. ވަރަށް ފަހަކަށް އައިސް ފިންގާ ޖަހަން ފެށީ. އެއީ މީގެ ދެތިން ދުވަސް ކުރިން. މިއަދު ގޮސް ފިންގާ ޖަހަން އުޅެ އުޅެ ނުޖެހުނު. ވީ ކީއްތޯ އެހުމުން ބުނީ އަހަރެމެން އެންމެން [ކޮންޓްރެކްޓު މުވައްޒަފުން] ކޮންޓްރެކްޓު ހަމަވެފައިވާ ކަމަށް. އެހެންވީމާ ވަޒީފާ އިން ވަކި ކޮށްފައިވާ ކަމަށް،" އޭނާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ކޮންޓެރްކްޓު ހަމަވެގެން ވަޒީފާ އިން ވަކި ކޮށްފައި ވަނީ 53 މުވައްޒަފުންނެވެ. އެ އެންމެން މިއަދު ހެނދުނުން ފެށިގެން އިހުތިޖާޖު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އަހަރެމެންގެ އޮތީ އެންމެ ޑިމާންޑެއް. ވަޒީފާ އަލުން ދިނުމަށްފަހު ތިންމަސް ފަހުން ވަކިކުރަންޏާ ކުރަން،" އޭނާ އިތުރަށް ކިޔައިދިނެވެ.

މިކަމާއި ގުޅޭ ގޮތުން "ހަތާވީސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މުވައްޒަފުން ވަކިކުރީ އެ މުވައްޒަފުންނަށް ނޭނގި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އެ މުވައްޒަފުން ވަކިކުރީ ކޮންޓްރެކްޓު ހަމަވުމުން ކަމަށާއި އެ މުވައްޒަފުންނަކީ ފެނަކަ ކޯޕަރޭޝަންގެ ދިއްދޫ އާ އިންޖީނުގެ އެޅުމަށް ނަގާފައި ތިބި މުވައްޒަފުންތަކެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު --

އޭނާ ވަނީ އެކަމުގެ ތަފްސީލީ މައުލޫމާތުތައް "ހަތާވީސް" އަށް ހިއްސާ ކުރައްވާފައެވެ. ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިޔަށް ނުދާ ކަމަށެވެ. އަދި ކޮންޓްރެކްޓު ހަމަވެގެން އަލުން ކޮންޓްރެކްޓު އާ ނުކުރީ ދިއްދޫގައި އެކަނި ނޫން ކަމަށާއި އެހެން ބައެއް ރަށްތަކުގައި ވެސް ކޮންޓްރެކްޓު އާ ނުކޮށް މިވަގުތަށް މަޑު ޖައްސާލާފައިވާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް އެތަނުގެ މަސައްކަތް ވެސް ކުރިޔަކަށް ނުދޭ. އެހެން ނަމަވެސް އަޅުގަނޑުމެން މިދަނީ އެ މުވައްޒަފުންނަށް ހަމަ ކޮންމެ މަހަކުވެސް މުސާރަ ދެމުން. ކުންފުނީގެ މިވަގުތު ހާލަތު ހުރި ގޮތަކުން ނެތް އެހެން އަލުން ކޮންޓްރެކްޓު އާ ކުރެވޭކަށް،" މުއާޒު ވިދާޅުވިއެވެ.

ދިއްދޫ މުވައްޒަފުންގެ ޑިމާންޑެއް އޮތް ނަމަވެސް ފެނަކައިގެ ނިންމުން މިވަގުތު ބަދަލު ކުރެވެން ނެތް ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދު ކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި އެކަން ކުރަން ޖެހުނީ ކުންފުނި ސަލާމަތް ކުރުމަށް ކަމަށް މުއާޒު ވަނީ މީގެކުރިން ވެސް ވިދާޅުވެފައެވެ. މުއާޒު ފާހަގަކުރެއްވި ގޮތުގައި ކޮންޓްރެކްޓު ހަމަވެގެން 904 މުވައްޒަފުން ދޫކޮށްލަން ޖެހުނެވެ. އެކަމުގެ ސަބަބުން ވެސް 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނުކަން ފާހަގަކުރެއްވިއެވެ.