ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗު މަހުގެ 15ވަނަ ދުވަހުގެ ކުރިން ބޭލުމަށް ދިވެހި ސަރުކާރުގެ ފަރާތުން ހުށަހަޅައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތައް މިއަދު ވަނީ ފަށައިފައެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާ އެކު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް، ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީގެ މަޝްވަރާއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް ވިދާޅުވީ އަންނަ މާޗު މަހުގެ 15ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާ ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ހާއްސަކޮށް ވަނީ މި ބައްދަލުވުމުގެ އެޖެންޑާ އަށް މިދެންނެވި ތާރީހު ހުށަހަޅުއްވާފައި. އެ މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު އެ ކުރިޔަށް ދަނީ
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް

އެ ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކްރެޓަރީގެ އިތުރުން އިންޑިއާއިން ވަޑައިގެން އުޅުއްވާ ބައެއް އެހެނިހެން އިސް ފަރާތްތައް ވެސް އެބަ ބައިވެރިވެވަޑައިގަންނަވައެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ފަރާތުން ވެސް ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރައީސް އޮފީހުގެ ބައެއް އިސް ފަރާތްތައް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައާ ރާއްޖޭގައި އިންޑިއާ އިން ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށްވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ވައުދެވެ.