މާލެއާ މާ ދުރުގައި އޮތް ފުށިދިއްގަރު ފަޅަކަށް މާލެ ރައްޔިތުން ގެންދަން ނޫޅުމަށާއި އެމަނިކުފާނުގެ ސަރުކާރުން މާލެ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓުތައް ލިބިފައިވާ ފަރާތްތައް އެތަންތަން ހަވާލު ކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (ރައީސް އިބޫ) މިރޭ ގޮވާލައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމުން ސަލްޓަން ޕާކުގައި މިރޭ ބޭއްވި އުފާފާޅު ކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި އާޒިމާއެކު މުޅި އެމްޑީޕީ އޮންނާނެ ކަމަށެވެ. އަދި އެމަނިކުފާނު މާލެއަށް ކޮށްދެއްވަން ނިންމާފައިވާ މަސައްކަތްތައް ކުރުމަށް އެޕާޓީގެ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މާލޭގެ ރައްޔިތުން މިއަދު ސަރުކާރަށް މެސެޖެއް ދީފައިވާ ކަމަށާއި އެގޮތުން 71 ޕަސެންޓު ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. ވެރިކަމަށް އިންތިހާބުވިތާ ދެ މަސް ނުވަނީސް ބޭއްވި އިންތިހާބެއްގައި މާލޭގެ ރައްޔިތުން މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައި ވަނީ ސަބަބެއް ނެތި ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިޔަށް އޮތް ތަނުގައި މި ސަރުކާރަށް މުޅި ރާއްޖެ ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
"ރައީސް މުއިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސް ނުކުރައްވާށޭ. ލަސް ނުކުރައްވާށޭ. މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދިން ގޯތިތައް މިއަދުން މިއަދަށް މިއަދުން މިއަދަށް ހަވާލު ކުރައްވާށޭ. ފުށިދިއްގަރުފަޅަށް މާލޭ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ، ފްލެޓުތައް ހަވާލު ކުރާށޭ،" އިބޫ ވިދާޅުވިއެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި މާލޭގެ ރައްޔިތުންގެ ރުހުމެއް ބޭނުންވާ ނަމަ އެކަންތައް އެ މަގުން ކުރެއްވުމަށް އިބޫ ގޮވާލެއްވިއެވެ. މިއަދުވެސް ރައީސް މުއިއްޒު ކުރައްވާ ކަމަކީ "ގަދަ ބަސް" ވިދާޅުވުން ކަމަށާއި އެއިން ލިބޭނެ އެއްވެސް ކާމިޔާބީއެއް ނޯންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.