މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެންނެވި އާދަމް އާޒިމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ފޯނުން ގުޅުއްވާ އާޒިމަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާ އަދި މޭޔަރަށް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އާޒިމް ވެސް ވަނީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި އޭނާ އައީ ބަޔަކަށް ޖެއްސުން ކުރަން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އާޒިމް މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނޯ ބޮޑު ތަފާތަކުންނެވެ. އާޒިމް އާއެކު މި އިންތިހާބުގައި ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން އާއިޝަތު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ސައިފް އަދި މިނިވަން ދެ ކެންޑިޑޭޓުން ކަމަށްވާ ހުސައިން ވަހީދުގެ އިތުރުން ޝުއައިބު އަލީއެވެ.

ހެނދުނު 8:00ގައި ފެށި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 54،680 މީހަކަށެވެ. އިންތިހާބުގައި ވޯޓުލާން ނިކުތީ 12،522 މީހެކެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާޒިމް މި އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލާން ނިކުތް މީހުންގެ 45 ޕަސެންޓު ވޯޓުންނެވެ. 5،635 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާފައި ވަނީ އާޒިމާއެވެ. އެގޮތުން އާޒިމާ އަށް 27.8 ޕަސެންޓު ވޯޓު ލިބިފައިވެއެވެ. އެއީ 3،482 ވޯޓެވެ.