މާލޭ ރައްޔިތުންގެ ރޫހު ހުރި ގޮތް މިއަދު އެނގިގެން ހިނގައްޖެ ކަމަށާއި މާލޭގެ ރައްޔިތުންނަށާއި ދަފްތަރުގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޫކުރި ގޯއްޗާ ފްލެޓުތައް ވީ އެންމެ އަވަހަކަށް ހަވާލު ކޮށްދެއްވުމަށް މާލެ ސިޓީ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއެއްގައި މިރޭ ވިދާޅުވީ ރައްޔިތުންގެ ރޫޙު ހުރީ އެ ރައްޔިތުން ބޭނުންވާ ތަނަކަށް އަވަހަށް ދިއުމުގެ ރޫހު ކަމަށެވެ. ކެމްޕެއިންގައި ދޮރުން ދޮރަށް ހިނގިއިރު އެންމެ ބޮޑަށް ފާހަގަވި ކަމަކީ މާލޭގެ ރައްޔިތުން އުޅެމުން ހާލު ކަމަށް އާޒިމް ވިދާޅުވިއެވެ.

"މި މީހުންނަށް އެބަޖެހޭ ގޮތެއް ހަދައިދެން. މިހެން އަޅުގަނޑުމެންނަކަށް ނުތިބެވޭނެ އެންމެ ސިކުންތަކުވެސް ނުތިބެވޭނެ އެމީހުންނަށް ގޮތްތައް ހަދައިނުދީ. އެހެންވީމަ އަވަހަށް ތަރައްގީ ކުރެވެން އޮތް ތަންތަން ތަރައްގީ ކޮށްފައި ގެންދިއުމަކީ އަސްލު އަޅުގަނޑު އަސްލު މާލޭގެ ރައްޔިތުންނަށް ސަރުކާރަށް ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެ އަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އާޒިމް މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނޯ ބޮޑު ތަފާތަކުންނެވެ. އާޒިމް އާއެކު މި އިންތިހާބުގައި ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން އާއިޝަތު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ސައިފް އަދި މިނިވަން ދެ ކެންޑިޑޭޓުން ކަމަށްވާ ހުސައިން ވަހީދުގެ އިތުރުން ޝުއައިބު އަލީއެވެ.

ހެނދުނު 8:00ގައި ފެށި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 54،680 މީހަކަށެވެ. އިންތިހާބުގައި ވޯޓުލާން ނިކުތީ 12،522 މީހެކެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާޒިމް މި އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލާން ނިކުތް މީހުންގެ 45 ޕަސެންޓު ވޯޓުންނެވެ. 5،635 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާފައި ވަނީ އާޒިމާއެވެ. އެގޮތުން އާޒިމާ އަށް 27.8 ޕަސެންޓު ވޯޓު ލިބިފައިވެއެވެ. އެއީ 3،482 ވޯޓެވެ.