ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް އިއުލާނުކުރި އެއްވެސް މަޝްރޫއެއްގައި އާ އެއްވެސް ކަމެއް ނުވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ތިން ދާއިރާއެއްގެ ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާތަނަށް އިއުލާން ކުރި އެއްވެސް މަޝްރޫއުއެއްގައި އާ ކަމެއް ނެތް ކަމަށެވެ. މުޅިން ވެސް އޮތީ އެމަނިކުފާނުގެ ސަރުކާރުން ނިންމާ ފެށުމަށް ތައްޔާރު ކޮށްފައިވާ މަޝްރޫއުތައްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
އާ ސަރުކާރު އައި ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފެށި އެތައް ޕްރޮޖެކްޓެއް މިއަދު ހުއްޓާލާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުން އަބަދަކު ބަލަން ނުތިބޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ އަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި ޒިންމާދާރު ގޮތެއްގައި އެޕާޓީން އެގޮތަށް ކުރާނެ ކަމަށެވެ.
"މި ހުރިހާ ކަމަކަށް ބަލާ އަޅުގަނޑުމެން އަނެއްކާވެސް އެކީގައި ރުކުލާވާލައިގެން ނިކުންނަންޖެހޭ. މިހާތަނަށް އަޅުގަނޑުމެން މަޑު ކޮށްލައިގެން މިތިބީ ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވާތީ ވަގުތުކޮޅެއް ދޭންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދިވެސް އަޅުގަނޑު ހިތަށް އަރާ އަދި ބަލާލަން މަޑުކޮށްލާނީއޭ.... އެކަމަކު އަޅުގަނޑަކަށް ދެނެއް ހިއެއްނުވޭ ބަލަން ތިބެވޭނެ ހެނެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ބައި އިލެކްޝަނުގައި މާލޭގެ ރައްޔިތުންގެ އިހުސާސްތައް ވޯޓުން ހާމަ ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް އޮތީ އޮތް ތަނުގައި ކަމަށެވެ.
"އަދި މިހާތަނަށް މި ސަރުކާރުން ޕްރޮޖެކްޓުތައް އިއުލާނުކުރިއިރު އާ ކަމެއް ނެތް ކޮށްފައި. ހަމައެކަނި ކޮންމެވެސް މިތާ އޮތް ފަޅެއް ހިއްކާ ވާހަކަ އަލަށް ކަމެއް ކުރަން އިއުލާން ކޮށްފައި އޮތީ،" ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް ސޯލިހް ވިދާޅުވިއެވެ.