ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ ފްލެޓުތައް ލިބޭނެ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ މީހުންނަށް ފްލެޓުތައް ދިނުން މި ސަރުކާރުން ލަސް ކުރަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން 4000 ފުލެޓް ލިބޭ ފަރާތްތަށް ކަނޑައަޅައި އެފަރާތްތަކުގެ ނަންތައް ދިވެހި ސަރުކާރުގެ ގެޒްޓަގައި އިއުލާނުކޮށް އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށް ގެންގޮސް ގުރުއަތުން ނެގިފައިވާ ފުލެޓް އެ ފަރާތަށް ފޯރުކޮށްދޭނެ ކަމުގެ އެއްބަސްވުން ސަރުކާރާއެކު ހަދާފައިވާ ކަމަށެވެ.
އެހެންނަމަވެސް މިއަދާ ހަމައަށްވެސް ފުލެޓް ހަވާލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުގެންދާތީ ފުލެޓް ލިބޭ ފަރާތްތަކުން އެކަމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގައި ތަކުރާރުކޮށް އެދެމުންދާއިރުވެސް އެފަރާތްތަކުގެ ޝަކުވާއަށް އިޖާބަދީފައި ނުވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުންވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފްލެޓްތަކުގެ ވާހަކަ ރައީސް ޑރ މުއިއްޒު ދައްކަވަމުންދިއުމަކީ ވެސް ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އެހެންކަމުން ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓް ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓް ހަވާލު ކުރުން ޑރ މުއިއްޒު ސަރުކާރު ހިންގުމާ ހަވާލުވީ ދުވަހުން ފެށިގެން ހުއްޓާލާފައި ވާތީ ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ފުލެޓް ހަވާލުކުރުމުގެ މަސައްކަތް މިހިނދުން މި ހިނދަށް ފެށުމަށް އެ ޕާޓީގެ ފަރާތުން ސަރުކާރަށް ވަނީ ގޮވާލައިފައެވެ.