ރާއްޖެއާ ގާތް ގުޅުންތައް ބާއްވަމުން އަންނަ ގައުމުތަކުގެ ލީޑަރުންނަށް މަލާމާތްކޮށް އިހާނެތި ބަސްތައް ބޭނުންކޮށް ސޯޝަލް މީޑިއާގައި ވާހަކަދެއްކި ސަރުކާރު އޮފިޝަލުންތައް މަގާމުން ސަސްޕެންޑުކޮށްފިއެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު "ހަތާވީސް" އަށް ވިދާޅުވީ ސަރުކާރުގެ މަގާމުގައި ތިބެ ސޯޝަލް މީޑިއާގައި އެފަދަ ޕޯސްޓްތައް ކުރި ފަރާތްތައް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައި ކަމަށެވެ.
މި މައްސަލާގައި ފޮރިން މިނިސްޓްރީން ވެސް ބަޔާނެއް ނެރުނެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި އަދި ބޭރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އިހާނެތިކޮށް ވާހަކަ ދައްކަމުންދާކަން ދިވެހި ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ހިޔާލުތަކަކީ އެ ހިޔާލުތައް ފާޅުކުރާ ފަރާތްތަކުގެ އަމިއްލަ ހިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒު ކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.
"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ރުޅިވެރިކަން ނުފެތުރުމާއި، ރާއްޖެއާއި ބައިނަލްއަގުވާމީ ބައިވެރިންގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށެވެ" ބަޔާނުގައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އެފަދަ އިހާނެތި ބަސްތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ބުންޏެވެ.
މި މައްސަލަ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތާއި ގުޅޭ ވީޑިއޯތަކަކަށް ރާއްޖޭގެ ސަރުކާރުގެ ޑެޕިއުޓީ ދެ މިނިސްޓަރަކު ފާޑު ވިދާޅުވި މައްސަލައެވެ. އެ ދެ ޑެޕިއުޓީ މިނިސްޓަރުންނަކީ ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްއެވެ.