ރާއްޖޭގައި މަރުގެ އަދަބު ދޭން ނިންމުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށެވެ. އަދި އާއްމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މައުމޫން އެފަދައިން އިޝާރާތް ކުރެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ވާހަކަފުޅަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.
"އަޅުގަނޑުމެންގެ ހައްލުތަކަށް ވާނީ ކުށުގެ ވެއްޓާ އެއްގޮތަށް މައްސަލަތައް ހައްލު ކުރުން. ރާއްޖެއަށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާ ދޭތެރޭ މަރުގެ އަދަބު ދިނުމުގެ ވިސްނުން ސަރުކާރުތަކުން ވެސް ގެންގުޅެން ޖެހޭ އަދި ހަމައެއާއެކު ބޮޑެތި މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް،" ރޭ ޕީއެސްއެމް އިން ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވިއެވެ.
މިދިޔަ މަހު ސަރުކާރުން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އިއުލާން ކޮށްފައެވެ. އެކަން އިއުލާން ކުރެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
"އެކަމާ ގުޅޭ [މަރުގެ ހުކުމް ތަންފީޒު ކުރުން] ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި އެކަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،" އިހުސާން ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައި ތިބި ހަތަރު މީހަކު އެބަހުއްޓެވެ. މީގެތެރެއިން އެންމެ ފަހުން ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައި ވަނީ ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވި މުހައްމަދު ޝައިފަންގެ ހުކުމެވެ.
ޝައިފަންގެ އިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ / ހުސައިން ހުމާމުވެސް ހިމެނެއެވެ.