މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހު އިއުލާނު ކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޑު ޖައްސާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ މިއަދު އެ ތާރީހު އިއުލާނު ކުރުމަށެވެ. އެހެންކަމުން އެ ކޮމިޝަނުން އެކަން މީޑިއާ އަށް ވެސް ހިއްސާ ކުރިއެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް އިންތިޒާމުކުރިއެވެ. ނަމަވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބުގެ ތާރީހު އިއުލާނެއް ނުކުރެއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުގެ ތާރީހު އިއުލާނު ކުރުން މަޑުޖައްސާލީ އެމްޑީޕީން އެ ކޮމިޝަނަށް ފޮނުވި ސިޓީއަކާއި ގުޅިގެން ކަމަށެވެ. އެ ސިޓީ އެމްޑީޕީން އެ ކޮމިޝަނަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
"އެ ސިޓީ ފޮނުވުމާ ގުޅިގެން ކޮމިޝަނުން މިއަދު ޕްރެސް އަށް އައުމުގެ ކުރިން މަޝްވަރާ ކޮށްފައި މިއައީ. ކޮމިޝަނުން ނިންމީ އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު މި ހަފްތާގައި ގޮތެއް ނިންމަން،" ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ފޮނުވި ސިޓީއާ ގުޅޭ ގޮތުން ހަބީބް ވިދާޅުވިއެވެ.
މާދަމާ އެމްޑީޕީއާއެކު އިލެކްޝަނުން މަޝްވަރާ ބައްދަލުވުމެއް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބު، މި އަހަރުގެ ރަމަޟާން މަހުގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ހުށަހަޅާފައެވެ. 19ވަނަ ރައްޔިތުން މަޖިލީހުގެ ދައުރު ހަމަވަނީ އަންނަ އަހަރުގެ މެއި މަހުގެ 28ވަނަ ދުވަހަށެވެ.
ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ބާއްވަން މަސައްކަތް ކުރާ ކަމަށްވާ ނަމަ، އިންތިހާބު ދިމާވަނީ ސްކޫލުތަކުގެ މޮކް އިމްތިހާނަށެވެ. ސްކޫލުތަކަކީ ވޯޓުލުމަށްޓަކައި އިލެކްޝަންސް އިން ކޮންމެ އިންތިހާބެއްގައި ވެސް ބޭނުން ކުރަމުން އަންނަ މަރުކަޒުތަކެވެ.
އިންތިހާބުގައި ވާދަ ކުރުމަށް އިލެކްޝަނުން ހުޅުވާލަން ނިންމާފައި ވަނީ މި ޖެނުއަރީ މަހުގެ 30ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 15ވަނަ ދުވަހަށެވެ. ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު ގުރުއަތު ނެގުމަށްފަހު ނަންތައް ތަރުތީބު ކުރުމަށް ރާވާފައިވާއިރު ފެބްރުއަރީ 18 އިން ފެށިގެން 30 ދުވަހަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމަށް ވެސް އީސީން ވަނީ ނިންމައިފައެވެ. އަދި މާޗު މަހުގެ 30ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ. އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ ރޯދަމަހެވެ.
ރޯދަމަހު އިންތިހާބެއް ބޭއްވުމަށް ގޮންޖެހުންތަކާއި ދައްޗާއި ކުރިމަތިވާނެ ކަމަށް އިލެކްޝަނުން މީގެކުރިން ބުނެފައިވެއެވެ. އޭގެތެރޭގައި އޮފިޝަލުން ތަމްރީނު ކުރުމާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބުންޏެވެ.
އެކަން ހައްލު ކުރުމަށް އިލެކްޝަނުން ދެގޮތެއް ހުށަހެޅިއެވެ. އެއީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކުރުން ނޫނީ ކެމްޕެއިން ކުރުމަށް 20 ދުވަސް ދިނުމެވެ.