މާލެ ސިޓީ ކައުންސިލް ކަމުގައިވިއަސް އަދި ރަށު ކައުންސިލެއް ކަމުގައިވިއަސް، ރައްޔިތުން ބޭނުންވާ އުސޫލުތައް ހިމަނައިގެން ނޫނީ އެތަންތަން ނުހިނގާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން މިރޭ ގެނެސްދިން "މާލެ މޭޔަރު ބަހުސް"ގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާ އެމަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ ގާނޫނުއަސާސީ ދަންނަ ޑިމޮކްރަސީގެ އުސޫލުން އެންމެ ތިރިން މައްޗަށް ހިންގުމުގެ ނިޒާމު ބަދަލުކުރާނެ ކަމަށެވެ. އެއީ އެކަމަނާ ދަންނަ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކަތީބުންނާއި އަތޮޅުވެރިންނާއި އައްޔަން ކުރީމަ ކަމު ނުގޮސްގެން ބަދަލުކުރި ނިޒާމުން އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާ އެންމެ ސުވާލެއް ކޮށްލާނަން... މިއަދު އިންތިހާބުކުރި ކައުންސިލަރުން ތިބީމާ ރައްޔިތުން ބޭނުންވާ ގޮތަށްހޭ ކައުންސިލްތައް ހިނގަނީ މާލެ ހިނގަނީ ރަށްރަށް ހިނގަނީ. އަޅުގަނޑަށް އެނގޭ އާނއެކޭ ވިދާޅުވާނެ އެއްވެސް ބޭފުޅަކު ނުހުންނަވާނެކަން،" ކުރީގެ ބަންޑާރަ ނާއިބުކަން ވެސް ކުރެއްވި އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އެންމެ ތިރިން މައްޗަށް ކަންކަން ކުރެވޭނީ ރައްޔިތުން ބޭނުންވާ އުސޫލުތައް ހިމަނައިގެން ކަމަށެވެ. އަދި ގާނޫނު އަސާސީ ދަންނަ ޑިމޮކްރަޓިކް ހަމައަކީ ވެސް އެއީ ކަމަށް އާޒިމާ ވިދާޅުވިއެވެ.
"އަޅުގަނޑު އިންޓްރޮޑިއުސް ކުރަން ބޭނުންވޭ އަވަށު ކޮމެޓީތައް ނުވަތަ އަވަށު ބޯޑުތައް. އެންމެ މިސާލެއް ދަންނަވާ ކަމަށްވާ ނަމަ މިސާލަކަށް ވިލިނގިލީގައި އަވަށު ކޮމެޓީގައި ހުންނަން ވާނޭ ވިލިނގިލީގެ މައިނޯރިޓީ ޕާޓީ ރިޕްރެޒެންޓް ކުރެވޭނެ ގޮތެއް ވެސް. ހަމައެއާއެކު ވިލިނގިލީގެ ސްކޫލު ޕްރިންސިޕަލް ނުވަތަ ޕީޓީއޭގެ ނާއިބު ރައީސް ނުވަތަ ހެލްތު ސެކްޓާ ހިންގާ މީހުން. މިގޮތަށް މުޅި ސޮސައިޓީ ރިޕްރެޒެންޓުވާ ބަޔަކު ބުނާ ގޮތަކަށް ހިންގުން ބަދަލު ކޮށްފި ކަމަށްވާ ނަމަ ގާނޫނުއަސާސީ ދަންނަ ގޮތަށް ޑިމޮކްރަސީ ދަންނަ ގޮތަށް އެ އުސޫލުތައް ރައްޔިތުން ބޭނުންވާ ގޮތަށް ހިދުމަތްތައް ފެށިގެން ދާނެ،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާގެ މޭޔަރު ކަމުގައި ކުރައްވާނެ ބައެއް އެހެން ކަންކަން:
- އިސްރަށްވެހިން ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން
- ޒުވާނުންނާ ކައުންސިލް ކުރެވޭނެ ނިޒާމުތައް ތައާރަފު ކުރުން
- ޒުވާނުންގެ ތައުލީމާ ތަމްރީނުގެ ޕްރޮގްރާމެއް ތައާރަފު ކުރުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ތައާރަފުކުރުން
- އަންހެނުން ހާއްސަ މަސައްކަތްތަކެއް ތައާރަފުކުރުން