ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުން އަންނަ މާލޭގެ އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތާރު އަޅަން ފަށައިފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިރޭ ބުނީ އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން އޭބީސީ ފަށަލައިގެ މަސައްކަތް ނިމި، އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމަށްފަހު ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަސައްކަތެކެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމިގެން ދިޔައީ އަމީނީ މަގުގެ އެންމެ ފަހު ދެ ސެގްމަންޓުގެ މަސައްކަތްތައް ނުފެށިއެވެ. އެ ސަރުކާރުގެ އޭރުގެ ހައުސިން މިނިސްޓްރީން ބުނީ އެ މަސައްކަތް ނިންމާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.