މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި މާލޭގެ ރައްޔިތުން "ރިސްކު" ނުނަގާ ސަރުކާރުގެ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝުކޫރު އެ މަގާމަށް އިންތިހާބު ކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މޭޔަރަކަށް ވަޑައިގަންނަވާ ބޭފުޅަކު ކިތަންމެ ކަމެއް ކޮށްދެއްވަން ބޭނުންފުޅުވި ނަމަވެސް އެބޭފުޅަކު ނިސްބަތްވާ ޕާޓީގެ ވިސްނުން ހުރި ގޮތެއް ނޭނގޭނެ ކަމަށެވެ. އެކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ރައްޔިތުން މަޖިލީހުގެ ތެރެއިން ފެންނަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ތިބޭފުޅުން [މާލޭގެ ރައްޔިތުން] އެ ރިސްކު ނުނަންގަވާތި. އެ ރިސްކު ނުނަންގަވާތި. އަޅުގަނޑުމެންގެ ކެންޑިޑޭޓު ހޮއްވަވައި ދެއްވީމާ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ މިރަށުގައި [ވިލިމާލޭގައި] މިތާ ކުރަންހުރި ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރު ކަމުގައި މުޅި މާލެއަށް ކޮށްދެއްވަން ނިންމި ކަންކަމުގެ ތެރެއިން ނުކުރެވި ހުރި ކަންކަމަކީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ނުކުރެވި ހުރި ކަންކަން ކަމަށެވެ.
"މިސާލަކަށް ސަރުކާރާ މަޖިލީހާ އެކީ ކުރެވެން ހުރި ކަމެއް މިރަށުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ޕްލޭނިން ގަވާއިދު ބަދަލުކުރުން. އެކަން ކުރެވެން އަންނަނީ ޕްލޭނިން މިނިސްޓްރީން ގަވާއިދު އިސްލާހު ކޮށްފައި މަޖިލީހުގެ ގަވާއިދު ކޮމެޓީއަށް ފޮނުވައިގެން އެކަމާ ބެހޭ ގާނޫނަކަށް ގެންނަ ބަދަލެއްގެ ތެރެއިން އެ ގަވާއިދު އިސްލާހުވާ ކަމަށް އެގޮތަށް އެކަން އޮންނަ ކަމަށް މިވަނީ،" ރައީސް ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސް އަހަރު އަދި ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވި މުއްދަތުގައި ވެސް އެކަން ކުރުމަށް ތަކުރާރުކޮށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަން މީގެކުރިން ހުއްޓިފައި އޮތީ ޕްލޭނިން މިނިސްޓްރީ ތެރެއިން ކަމަށެވެ. ނަމަވެސް ދެން އެކަމެއް ނުހިފެހެއްޓޭނެ ކަމަށާއި ދެން އޮންނާނީ މަޖިލިސް ތެރެއިން އެކަން ކުރުން ކަމަށެވެ. އަދި އެ ގަވާއިދު އިސްލާހު ކޮށްދެއްވުމަށް މަޖިލީހުގައި ވެސް އެދިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ އެކަންތައް ވެސް ހައްލު ކޮށްދެއްވާނަމޭ. ރައްޔިތުން ބޭނުންވަނީ އިމާރާތް ކުރުމުގައި 10 ބުރިއާ ހަމައަށް ވިލިމާލޭގައި ގެދޮރު އިމާރާތް ކުރެވެން. އެކަމަށްޓަކައި ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދޭނަން،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.