ކުރިޔަށް އޮތް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝުކޫރު އިންތިހާބު ކުރައްވައިގެން މާލޭގެ ރައްޔިތުން ކުރާނެ ހިތާމައެއް ނޯންނާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

އާޒިމާގެ މެނިފެސްޓޯ ލޯންޗު ކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ އެކަމަނާގެ އަމާޒަކީ މާލެއަކީ ވަކި ބައެއްގެ ތަނަކަށް ހެދުން ނޫން ކަމަށެވެ. ބަދަލުގައި މާލެއަކީ އެންމެންގެ ތަނަކަށް ހަދާ ކޮންމެ މީހަކަށް، ވެސް މާލެއަކީ އުޅެވޭ ވަރުގެ ތަނަކަށް ހެދުން ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ފާހަގަކުރެއްވި ގޮތުގައި މާލެ ސިޓީ މޭޔަރު ބައި އިލެކްޝަންގެ ކެމްޕެއިނަކީ ވާދަވެރި ކެމްޕެއިނެކެވެ. ނަމަވެސް އެ ކެމްޕެއިންގައި އެކަމަނާ ހުންނެވީ ސާބިތުކަމާއެކު ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަނާ އަށް މަގު ދައްކައި ދެއްވަން ހުންނެވީ ރައްޔިތުން އެބޭފުޅަކު ބަލައިގެންފައިވާ އަދި ނަތީޖާ ވެސް ނެރެދެއްވާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

މާލެ ސިޓީ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ އާޒިމާ ---
އަޅުގަނޑު ހޮވައިގެން ކުރާނެ ހިތާމައެއް ނޯންނާނެ
އާއިޝަތު އާޒިމާ ޝުކޫރު

އާޒިމާގެ މެނިފެސްޓޯ ރޭ ލޯންޗު ކުރެއްވިއިރު 11 ބަޔަކަށް ވަނީ ބަހާލައިފައެވެ. އެއީ:

  • ގުޅިގެން އެކުގައި ތަރައްގީ ކުރުމުގައި ބައިވެރިވުން
  • ފަހުރުވެރި އަންހެނުން
  • ގްރޭޓާ މާލޭގެ ކަނޑު، ފަޅު، ފަރުގެ ފުރިހަމަ ނަފާއަށް
  • 21 ވަނަ ގަރުނަށް ފައްކާކުރެވިފައި
  • އިލްމާއި ހުނަރުގެ ވެށި
  • ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް
  • ދިވެހިންގެ އިގްތިސޯދުގެ ވިންދު
  • ފެހި، ފަހި، ފަރި މާލެ
  • ހަމަ އެންމެންގެ ވެސް މާލެ
  • ރައްކާތެރި އަމާން މާލެ
  • ހިތްހަމަޖެހިގެން ހިނިތުންވުމާ އެކު
މާލެ ސިޓީ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ އާޒިމާގެ މެނިފެސްޓޯ ލޯންޗުކުރުން ---

މާލޭގައި ދިރިއުޅޭ އެންމެންނަކީ މި އިންތިހާބުގައި ވޯޓު ލެވޭނެ ބައެއް ނޫން ކަމަށާއި އެހެންނަމަވެސް މާލޭގައި ދިރިއުޅޭ ކަމަށްވާ ނަމަ އެއިން ކޮންމެ މީހަކަށް ވެސް ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން އާޒިމާ ރޭ ވަނީ ދެއްވައިފައެވެ.