މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށައިފިއެވެ.
އެ ހިދުމަތް ލޯންޗު ކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔެއްތާގައި ހެލްތު މިނިސްޓަރު ޑރ. ހަލީލާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.
އެ ހިދުމަތް ފެށީ ވިލިމާލެ އިން ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ މަގުސަދުގައި ކަމަށް ހަލީމް ވިދާޅުވިއެވެ. އެގޮތުން ތިލަމާލޭގެ މަސައްކަތް ނިމުމުގެ ކުރިން ވެސް ބަލި މީހުންނަށް އެ ހިދުމަތް [ސީ އެމްބިއުލާންސް] ދޭން ފެށުމަކީ ލިބިގެން ދާނެ ފަސޭހައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. ހަލީލް ވިދާޅުވީ ވިލިމާލެ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެންމެ ބޮޑު އެއް ޝަކުވާ އަކީ ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތަކުގެ ވާހަކަ ކަމަށެވެ. މާލެއާ ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާ ލޯންޗުތަކަކީ މިހާރު ހިދުމަތް ދެމުން އަންނަ ލޯންޗުތަކަށް ވުރެ ރަނގަޅު އަދި ހިދުމަތްތައް ވެސް ފުޅާ ލޯންޗެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި އިތުރު މެޑިކަލް އާލާތްތަކެއް ހަރުކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށެވެ.