ވަގުފު އިމާރާތެއް އިމާރާތްކުރުމަށް މާލެއިން އިތުރު ބިމެއް ހަމަޖައްސަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ރާއްޖޭގައި ވަގުފްތައް އިތުރުކޮށް ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައި ވަނީ ވަގުފް އިމާރާތެއް އެޅުމަށް މާލެއިން އެކަށީގެންވާ ބިމެއް އިސްލާމިކް މިނިސްޓްރީއާ ހައުސިން މިނިސްޓްރީ ގުޅިގެން ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ހަމަޖެއްސުމަށެވެ.
މިސްކިތު ފަންޑަށް ފައިސާ ހޯދުމަށްޓަކައި ދެވަނަ ވަގުފް އިމާރާތެއް އެޅުމުގެ މަސައްކަތް ފެށުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަގުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މިސްކިތް ފަންޑުގެ ދެވަނަ ވަގުފު ބިލްޑިން އަންނަ ޖެނުއަރީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށެވެ. މިހާރު ގާއިމު ކުރެވިފައިވާ ވަގުފު ފަންޑު ބިލްޑިން (ދާރުލްއީމާން) އިން އަހަރަކު ހަ މިލިއަނެއްހާ ރުފިޔާ ފަންޑަށް ވަދެެއެވެ.