ތަރައްގީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާ ކަމަށާއި ހަމަ އެފަދައިން ތެދުވެރިކަމާއި އިހުލާސްތެރިކަމަކީ ވެސް ތަރައްގީއަށްޓަކައި ބޭނުންވާ އެއްޗެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު މީލާދީ އައު އަހަރާއި ގުޅިގެން ރައީސް ފޮނުއްވި ހިތާބެއްގައި ވަނީ އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށް ގޮވާލައިފައެވެ. އަދި އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މައުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.

"އާ އަހަރަކީ ހަގީގަތް ގަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހަދަމާތޯއެވެ އަޅުގަނޑުމެން ދިވެހީންނަކީ އެއް ގައުމެކެވެ. އެއް ބައެކެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، އަދި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްގީގެ ވަރަށް ހާއްސަ މޫސުމެއް ކަމަށް ވިދާޅުވިއެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއްކަން ފާހަގަކުރެއްވިއެވެ.

ތަރައްގީ ފެށިގެން އަންނަން ވާނީ ތިރިން މައްޗަށް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ވެސް ހިތާބުގައި ވިދާޅުވިއެވެ. ތަރައްގީގެ ވިސްނުންތައް އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަމަށާއި އެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތްތަކުގެ ވާޖިބަކަށް ވާން ވާނީ، މާތް ރަސްކަލާނގެ އަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުން ކަމަށް ވެސް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

"ދިވެހި މަސްއޮޑިއެއް އެކުލެވިގެންވަނީ، އޭގެ ފަށަނުގެ ދެފަރާތަށް އިންދޭ ގެތިގެންވާ މަޑޫތަކަކުންނެވެ. ހަމަ އެފަދައިން، ގައުމެއް ތަރައްގީވުމުގައި ވެސް ދެ ފަރާތެއްގެ މި ދެންނެވި ބަދަހި ގުޅުން ހިމެނިގެންވެއެވެ. އެއީ ރައްޔިތުންނާއި ވެރީންނެވެ. ވެރީން ރައްޔިތުންނަށް ރަހުމުހުރި ބަޔަކަށްވުމެވެ ވައުދަށް ކަމޭހިތުމެވެ. ރައްޔިތުން ވެރީންނަށް ކިޔަމަންވުމެވެ. އެއްބާރުލުން ދިނުމެވެ. ގައުމެއްގެ ތަރައްގީގެ ބިންގަލަކީ އަދި ކުރިބޯށްޓަކީ ވެސް މިއެވެ،" ރައީސް ވިދާޅުވިއެވެ.