ސިޔާސީ ޕާޓީތަކުގެ ސިޔާސަތާއި ފިކުރު ވިއްކައިގެން މަޖިލީހަށް ހޮވޭ މެމްބަރުން އޯވަނައިޓަކުން ޕާޓީ ބަދަލުކޮށްލުމުގައި ގިނަ ތުހުމަތުތައް އޮވެ އެވެ. ބައެއް މެމްބަރުން ޕާޓީ ބަދަލުކުރާތާ ދުވަސްކޮޅެއްގެ ތެރޭގައި ލިބިގެން ގެންދާ ކުއްލި މުއްސަނދިކަމާއި ތަނަވަސްކަން ފެނިފައި ރައްޔިތުން ހައިރާންވާހާ ވަރުވެ އެވެ.

ބޮޑު އަގުގައި މަޖިލިސް މެމްބަރުން ގަނެ ވިއްކުމަކީ މިއަދަކު އިއްޔެއަކު ފެށުނު ކަމެއް ނޫނެވެ. 2008 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުން 2009 ވަނަ އަހަރުފުރަތަމަ ހޮވުނު މަޖިލީހުގައި ނަން ހިނގި މަޝްހޫރު ބޭފުޅުން ޕާޓީ ބަދަލު ކުރެއްވި އެވެ. މިކަން ހުއްޓުވަން ރާއްޖޭގައި އަލަށް ގާނޫނެއް ހެދީ 2018 ވަނަ އަހަރު އެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނުގެ ނަމުގައި އޭރު މަޖިލީހުން ފާސްކުރި ގާނޫނަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕީއެމްގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވާން ފެށުމުން އެ ބޭފުޅުންގެ ގައިގައި ކަސްތޮޅު އަޅުވަން ހެދި ގާނޫނެއް ކަމަށް ސިފަކުރީ އިދިކޮޅުގައި އޮތް އެމްޑީޕީންނެވެ. ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މަޖިލީހުން އެ ގާނޫނު އުވާލީ އެއީ ގާނޫނު އަސާސީއާ ހިލާފް އެއްޗެއް ކަމަށް ބުނެ އެވެ. މިއަދު އެމްޑީޕީއަށް ވެސް މި ޖެހުނީ އެފަދަ ގާނޫނެއް ނެތުމުގެ ހިތި ތަޖްރިބާ އެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީއާ އެކު އޮތް އެމްޑީޕީގެ 13 މެމްބަރުން އެ ޕާޓީން ވަކިވެ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުމުން އެންޓި ޑިފެކްޝަންގެ ގާނޫނެއްގެ މުހިންމު ކަން އެމްޑީޕީއަށް ވެސް މިއަދު ވިސްނިއްޖެ އެވެ. މިހާރު އެމްޑީޕީން ވެސް މަސައްކަތް ކުރަނީ އެ ޕާޓީގައި ބާކީ ތިބި މެމްބަރުން ގެއްލިދާނެ ކަމުގެ ބިރަށް އެފަދަ ގާނޫނެއް އަވަހަށް ފާސްކުރުމަށެވެ.

“ކުރިއަށް އޮތްތަނުގައި ވިސްނާނަން. އަޅުގަނޑުމެންގެ ވިސްނުމުގައި ނެތްކަމެއް ނޫން އެއީ” އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީއަށް ނިސްބަތްވާ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އިއްޔެ ވިދާޅުވި އެވެ.

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ގާނޫނަކީ ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކުގައި އޮންނަ ގާނޫނެކެވެ. އެއީ ބަރުލަމާނީ ނިޒާމުގައި މަޖިލީހާއި ސަރުކާރަކީ ގުޅިފައިވާ ދެ ބާރު ކަމަށްވާތީ މެމްބަރުން ޕާޓީ ބަދަލުކުރާ ކޮންމެ ފަހަރަކު ސަރުކާރަށް އޭގެ ލޮޅުން އަންނާތީ އެވެ.

ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި އެފަދަ ގާނޫނުތައް ނެތަސް މަޖިލިސް މެމްބަރުން ޕާޓީ ބަދަލު ކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. އެމެރިކާއަށް ބަލާއިރު ޕާޓީގެ ވިސްނުމާ ދެކޮޅަށް މެމްބަރުން ބައެއް ފަހަރު ވޯޓު ދިނަސް ޕާޓީ ބަދަލު ކުރުމަކީ އެ ގައުމުގައި އެންމެ މައި ދެ ޕާޓީ ކަމަށްވާ ރިޕަބްލިކަން އާއި ޑިމޮކްރަޓްސް ޕާޓީގެ މެމްބަރުންގެ ފަރާތުން އާންމުކޮށް ފެންނާނެ ކަންކަމެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި އެއީ ވިޔަފާރިއެއް ނުވަތަ ކުޅިވަރެއްހެން ކުޅޭ ކަމަކަށް ވެއްޖެ އެވެ. އެންމެ ދައުރެއްގެ ތެރޭގައި ދެ ތިން ފަހަރު ޕާޓީ ބަދަލުކުރާ މެމްބަރުން ވެސް އެބަ ތިއްބެވެ.

ވަކި ޕާޓީއެއްގެ ފިކުރާއި ސިޔާސަތު ހާމަކޮށްގެން މެމްބަރު ކަމަށް އައުމަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި ޕާޓީ ބަދަލު ކުރުމުގެ ފަހަތުގައި ވަރަށް ގިނަ ގޮތް ނޭނގޭ ކަންކަމާއި މެމްބަރުންގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ތުހުމަތުތައް އޮވެ އެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ކަމެއް މިހާތަނަށް ބެލިފައެއް ނެތެވެ. ޕާޓީ ބަދަލުކުރާ މެމްބަރުންނަށް އަންނަ ކުއްލި މުއްސަނދިކަން ބެލޭނެ ގޮތެއް ނެތެވެ. އެހެންކަމުން އެފަދަ ގާނޫނެއް މުހިންމު ކަން އެއް ގޮތަކުން ބަލާއިރު ބޮޑެވެ.

މިއީ ރާއްޖެއަށް އެއްގޮތަކުން މުހިންމު ގާނޫނެއް ކަމަށް ވި ނަމަވެސް ގާނޫނީ ހުރަސްތަކެއް މިކަމުގައި އޮވެދާނެ ކަމަށް ބެލެވެ އެވެ. އެއީ ރާއްޖޭގެ ގާނޫނު އަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރޭގައި ޕާޓީ ބަދަލުކުރުން ހިމެނިފައި ނެތުމުންނެވެ. ޔާމީންގެ ވެރިކަމުގައި ފާސްކުރި ހެދި އެންޓި ޑިފެކްޝަންގެ ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފް އެއްޗެއް ކަމަށް ބުނެ އެމްޑީޕީން އޭރު ސުޕްރީމް ކޯޓަށް ހުށަހެޅީ އެހެންވެގެން ކަމަށް ބުނެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން އޭރު ނިންމީ އެއީ ސައްހަ ގާނޫނެއް ކަމަށެވެ. އެ ގާނޫނު 2018 ވަނަ އަހަރުގެ ފަހުކޮޅު އުވާލީ މަޖިލީހާއި ސަރުކާރުން ބޭނުންވެގެންނެވެ.

މެމްބަރުން އިރުއިރުކޮޅާ ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް އެންޓި ޑިފެކްޝަން ގާނޫނެއް ގެނައުން ރާއްޖޭގެ ނިޒާމާ އެހާ ނުގުޅުނަސް މިއީ ކޮންމެހެން ވިސްނަން ޖެހޭ ކަމެކެވެ