ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަންނަވާ މެންބަރަކު އެ އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގާނޫނެއް އެކުލަވާލުމުގެ ވިސްނުން އެބަހުރި ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގައި ތިއްބެވި 13 މަޖިލިސް މެންބަރަކު ވަނީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއަށް ސޮއި ކުރައްވައިފައެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ އެ މެންބަރުންނަށާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެގޮތުން ޕާޓީ ބަދަލުކުރި މެންބަރުން ޕާޓީ ބަދަލުކުރީ ފައިސާއާ އަދިވެސް އަމިއްލަ އިތުރު މަންފާތަކަކަށް ކަމަށް އާއްމު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެކަންކަން ހުއްޓުވުމަށް ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނެއް ގެންނަން ޖެހޭ ކަމުގެ އަޑުތައް ވެސް ގަދަވެފައެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ އެފަދަ މަޝްވަރާތަކެއް އެޕާޓީގެ ތެރޭގައި ހިނގަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ އެޕާޓީން އިތުރު މެންބަރުންތަކެއް ވަކިވެވަޑައިގެންފާނެތީ އަޅާ ފިޔަވަޅެއް ނޫން ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެ ގާނޫނު އޭރުގެ މަޖިލީހުން ފާސްކުރިއެވެ. ނަމަވެސް އެ ގާނޫނު އުވާލީ އެމްޑީޕީން 2018ވަނަ އަހަރު ވެރިކަމަށް އައުމަށްފަހުއެވެ. އެކަން ކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ނަމަވެސް އެކަން ކޮށްފައި ވަނީ އޭރު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ވެސް ވޯޓާ އެކުގައެވެ.
އެ ގާނޫނުގައި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީން ސުލޫކީ ފިޔަވަޅު އެޅުމާއި ޕާޓީގެ ވިޕްލައިނާ ހިލާފުވުމުން ގޮނޑި ގެއްލޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
މައްސަލައަކީ ކިތަންމެ އަވަހައް މަމެން ޕާޓީއަށް ވެރިކަންލިބޭ އިރަށް ބޭނުންވާނީ އެގާނޫނު އުވާލަން އެހެންނޫނީ ގާނޫނު ބަދަލު ކުރަން
ދުމަހުއަ