ރައްޔިތުން މަޖިލީހުގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންގެ އިނގިލި ބުރި ކޮށްލިއަސް ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ވޯޓު ނުދެއްވާނެ މެންބަރުން އެބަ ތިއްބެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ސޮއި ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގައި ވެސް ގައުމީ ވިސްނުމުގައި ތިއްބެވި އަދި ގައުމު އިސް ކުރައްވާ މެންބަރުން އެބަ ތިއްބެވި ކަމަށެވެ.

މިއަދު ބައެއް ބޭފުޅުން ޕީއެންސީ އަދި ޕީޕީއެމްގެ ސަފުން ފެނިވަޑައިނުގެންނެވި ނަމަވެސް ސަރުކާރާއެކު ތިއްބެވި އެތައް މެންބަރުންނެއް އެމްޑީޕީގައި ތިއްބެވި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކިއެކި ސަބަބުތަކަށްޓަކައި، މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާ ފާޅުގައި ގުޅިވަޑައި ނުގަތަސް، އަޅުގަނޑަށް ޕާސަނަލީ، އަމިއްލަ ހައިސިއްޔަތުން އެނގޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު އެމްޑީޕީގައި މަޖިލީހުގެ މެޖޯރިޓީ އޮތުމުން، އެ ބާރުގެ ބޭނުން އެމްޑީޕީން ހިފަމުން ދަނީ ނަހަމަ ގޮތުގައި ކަމަށެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ ޑިމޮކްރަސީއާ ރައްޓެހި ގޮތެއް ނޫން ކަމަށެވެ.

"އެގޮތް ގަބޫލުކުރަން ބޭނުންފުޅު ނުވާތީ ގައުމީ ވިސްނުމުގައި އަޅުގަނޑުމެންނާއި މިރޭ 13 މަޖިލިސް މެންބަރުން ގުޅިވަޑައިގަތީ،" އެމްޑީޕީން ޕީއެންސީއަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.

ޕީއެންސީއާ ގުޅުނު މަޖިލިސް މެމްބަރުން:

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު)

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ހައިތަމް

އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު

ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް

ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު

ނިލަދންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު

މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ

ކޮމަންޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ)

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް

އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ސޮއިކުރިކަމުގެ ފޯމު މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ 10 މެމްބަރަކު ވަނީ ރައީސް ޑރ. މުއިއްޒާ ހަވާލުކޮށްފައެވެ. ރަށުން ބޭރުގައި އުޅުއްވާތީ، ތިން މެމްބަރަކު އެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވައެވެ.