ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ނިންމާ މަޖިލިސް ޗުއްޓީ އަށް ހިނގައްޖެއެވެ.

އަހަރެއްގެ ތެރޭގައި ތިން ދައުރެއް އޮންނަ ރައްޔިތުން މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާފައި މިއަދު އެވެ. ޖަލްސާތައް ނިމުމާއެކު މަޖިލިސް ވަނީ ދެ މަހުގެ ޗުއްޓީއަކަށް ގޮސްފައެވެ. ދެން މަޖިލީހުގެ ޖަލްސާތައް ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މިއަދުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ތިންވަނަ ދައުރުގެ ތެރޭގައި ޖުމްލަ 38 ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ. އަދި މެންބަރުން މަޖިލީހުގައި 98 ގަޑިއިރު ހޭދަ ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ތިންވަނަ ދައުރުގެ ތެރޭގައި ޖުމްލަ ފަސް ބިލެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ކުންފުނިތަކުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް ހިމެނެއެވެ.

"އެހެންކަމުން މިހިނގާ 2023ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ރައްޔިތުން މަޖިލީހުގެ މަސައްކަތަށް ބަލާއިރު ޖުމްލަ 57.3 ޕަސެންޓު މަސައްކަތް މިވަނީ އެއްކޮށް ނިމިފައި،" އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ތިންވަނަ ދައުރު ފެށިގެން ދިޔަ ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ދާން ފެށީ ދުވަސްތަކެއް ފަހުންނެވެ. ޖަލްސާތައް ނުހިނގާ އޮތީ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުންނެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓާ ހަމައަށް ވެސް ދާން ޖެހުނެވެ. ނަމަވެސް އެންމެ ފަހުން ނަޝީދު ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.