ދިވެހިންގެ ކިބައިން މާޒީން ފެނިގެން ދިޔަ އެކުވެރިކަމާއި އެއްބައިވަންތަކަން މިއަދު ދެކެން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސުނާމީ ކާރިސާއާ ގުޅިގެން ފާހަގަކުރަމުން އަންނަ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާ އެތައް ހާސް ކަމެއްގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެހެން ގައުމުތަކުގައި ބަހުގެ ތަފާތުކަން ހުރި ނަމަވެސް ރާއްޖެ އަކީ އެއްބަހަކުން ވާހަކަދައްކާ ބަޔަކު ދިރިއުޅޭ ގައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެ އަކީ އެއްގޮތް ސިފަތަކެއް ހުރިހާ ރަށެއްގައިވެސް އޮތް ގައުމެއް ކަމަށެވެ.
ނަމަވެސް މިއަދު ދިވެހިން އައިސްފައިވާ ހިސާބަށް ބަލާއިރު ދިވެހިންގެ ތެރޭގައި ވެސް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިއަދު އަޅުގަނޑުމެންގެ އާއިލީ ގުޅުންތަކަށް އެބަ ފަރުވާ ބޭނުންވޭ. އަޅުގަނޑުމެންގެ ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑު އެއްބަފާކަން ގާއިމް ކުރަން އެހީ އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ދިވެހީން އެކަކު އަނެކެއްގެ އަބުރަށް އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް މަގު ދައްކައި ދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ހިތްތަކަށް ރަހުމާއި ކުލުނާއި އޯގާތެރިކަމުގެ މޫސުމެއް އަންނާން އެބަޖެހޭ. އަޅުގަނޑު ދެކެން ބޭނުންވަނީ އެދުވަސް. މާޒީން އަޅުގަނޑުމެން ދެކެފައިވި އެކުވެރިކަމުގެ ދުވަސް،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސުނާމީ ކާރިސާއަށްފަހު ރަށްރަށުގައި "ސޭފް އައިލެންޑް" ކޮންސެޕްޓް ގާއިމް ކުރުމުގެ މަސައްކަތްތައް ފެށިގެން ދިޔަކަން ފާހަގަކުރެއްވިއެވެ. ދާދިފަހުން މިސަރުކާރުން ފެށި "ރަސްމާލެ" މަޝްރޫއު އަކީ ވެސް އެ ކޮންސެޕްޓަށް ތައްޔާރު ކުރާ ސިޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ހަގީގީ ސަލާމަތްތެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި އެންމެން ހިފައިގެން ލިބޭ ސަލާމަތްތެރިކަން ކަމަށް ވިދާޅުވިއެވެ.