ސީލައިފް ގްލޯބަލްގެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސީލައިފް ކުންފުނިން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ދާން ވަގުތީ ހުއްދައެއް މިދިޔަ މަހު ކްރިމިނަލް ކޯޓުން ދިނީ އޭނާގެ ބޭސްފަރުވާއަކަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ފަނޑިޔާރުގެ އިހްތިޔާރީ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް ވާއިރު، އެފަދަ ކަންކަމުގެ ތެރެއަށް އިސްތިއުނާފް ކޯޓަށް ވަދެވޭނީ އިސްތިސްނާ ހާލަތްތަކުގައި ކަމަށެވެ.

ނަމަވެސް މި މައްސަލާގައި އެފަދަ އިސްތިސްނާ ހާލަތެއް އޮތްކަން ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން މަޒީދުގެ ރައުޔަކީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރަން ޖެހޭ ކަމަށެވެ. އޭނާގެ ރައުޔުގައިވަނީ އައްމަޓީގެ ކިބައިގައި ހުރި ސިއްހީ މައްސަލައަކީ ރާއްޖެއިން ފަރުވާ ލިބެން އޮތް ކަމެއްތޯ އާއި އެއީ އަވަސް ފަރުވާ ލިބެންޖެހޭ ކަމެއްތޯ ދަށު ކޯޓުން ބަލާފައިނުވާ ކަމަށެވެ.

ފަނޑިޔާރު މަޒީދުގެ ރައުޔުގައިވާ ގޮތުން އައްމަޓީ ފުރުމުގެ ހުއްދަ ދިނީ އެކަށީގެންވާ ފިޔަވަޅު އެޅުމެއް ނެތި އެވެ. އަދި އެކަމުގެ ސަބަބުން ފާޅުކަން ބޮޑު ބޭ އިންސާފެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ފަނޑިޔާރު މަޒީދުގެ ރައުޔުގައިވެ އެވެ.

އައްމަޓީ ފުރުމުގެ ހުއްދަ ކޯޓުން ދިނަސް، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭނާއަށް ސްރީލަންކާއަށް ވަނުމުގެ ހުއްދަ ނުލިބުނު ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުގައި ކުރިން ބުނެފައިވެ އެވެ.