މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު އަކީ ސިކުނޑިތައް ބިނާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރާ ދެވަނަ ސްކޫލުގެ ބިންގާ އެޅުމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިމާރާތްތައް ކިތަންމެ އުސްކޮށް ވެސް ހެދިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެ އިމާރާތް، ހެދޭ އުސްމިނާ އެއްވަރަށް ސިކުނޑިތައް ތަރައްގީ ނުކުރެވޭނަމަ، ގައުމަކަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ،
"ތައުލީމު، ހެޔޮގޮތުގައި ނުދެވިއްޖެނަމަ، އޭގެ ހިތާމަ މުޅި ގައުމަށް، މުސްތަގުބަލަށް ކުރާނެ،" ރައީސް ވިދާޅުވިއެވެ.
މިއީ މި ސަރުކާރުން އިމާރާތް ކުރާ ފުރަތަމަ ސްކޫލެވެ. އަދި މިއީ މިސަރުކާރުން ބިނާކުރާ ފުރަތަމަ އިމާރާތްވެސްމެއެވެ.
"އެންމެ ފުރަތަމަ ބިނާކުރާ އިމާރާތް އަޅުގަނޑުމެން ގަސްތުކުރީ، ތަޢުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހަދަން. އެގޮތުން، ވަރަށް އުފާކުރަން، މިއަދު މިތަނުގައި ސަތާރަ ސަތޭކައެއްހާ ކުދިންނަށް ކިޔަވައިދެވޭ ގޮތަށް މި ބައްޓަން ކުރެވޭ އިމާރާތް އެޅުމުގެ މަސައްކަތް ފެށޭތީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ފައުންޑޭޝަންގެ މަސައްކަތް ފެށިގެން ގޮސް، ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި، އެ އިމާރާތުގެ މަސައްކަތް ނިންމައި، އެ ތަނުގައި [ހުޅުމާލެ ހިޔާ ފްލެޓުތަކުގައި] ދިރިއުޅޭ ހުރިހާ އާއިލާތަކުގެ ހިތަށް ތަސައްލީއެއް ލިބިގެންދާނެ ތަނަކަށް އެ ސްކޫލް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި ސްކޫލްގައި 54 ކްލާސްރޫމާއި ހޯލާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަސީލަތްތަކުގެ އިތުރުން ކުޅިވަރު ކުޅޭވޭނެ ޓާފް ދަނޑެއް ހިމެނެއެވެ.